1 ފެބުރުއަރީގެ އަމުރު

އަމުރާ ގުޅޭ ވަކިވަކި ނިންމުންތަކެއް ކަނޑައަޅަން ޕީޖީ ކޯޓަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ބައެއް ކަންކަން ފާހަގަކޮށް އެކަންކަމާ ގުޅޭ ގޮތުން ވަކިވަކި ކަންކަން ކަނޑައަޅަން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ އަމުރުގައި ފާހަގަކުރެވޭ ގާނޫނީ އަދި ޝަރުއީ ކަންކަން ފާހަގަކޮށް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކަންކަމުގައި ވަކިވަކި ނިންމުންތަކެއް ކަނޑައަޅަން ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަރުކާރުން ގެންދަނީ އަމުރުގައި ބުނެފައިވާ ބޭފުޅުން މިނިވަންކުރުމަށް އެކި އުޒުރުތައް ދައްކައިގެން އެކަން ލަސްކުރަމުންނެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާ ވެސް ކުރައްވާފަ އެވެ. އަމުރާ ގުޅިގެން މަޝްވަރާ ކުރަން ޖެހުނީ އަނިލް ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައިވާތީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

"ޑިއު ޕްރެސެސްގެ ތެރެއިން ކަންކަން ކުރިއަަށް ގެންދަން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، މިގޮތުން ޕީޖީއިން މިހާރު އެ މަސައްކަތް ފައްޓަވައި ލިސްޓްގައި ހިމެނޭ މީހުންގެ މައްސަލަތައް ދިރާސާކޮށް އަދި ވަރަށް އަވަސް ފުރުސަތެއްގަ ފުލުހުންނާއެކު މަސައްކަތް ކުރުމަށްފަހު ސުޕްރީމް ކޯޓަށް ގާނޫނީ ކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުމާއި އަދި ކުރިއަށް ގެންދިޔުމަށް ޕީޖީއަށް ފެނިވަޑައިގަންނަވާ ގޮތްތަކާއެކު ހުށަހަޅާނެ،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، ޕީޖީއިން އެކަންކަން ހުށަހެޅުމުން އެއަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަނިލް މިފަދަ ކަންބޮޑުވުންތަކެއް ފާޅު ކުރެއްވިއިރު، އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅިގެން ވީއެންމެ އަވަހަކަށް އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ފަސްޖެހެމުންދާތީ، އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސުޕްރީމް ކޯޓަކީ ފަހު ބަސް އިއްވާ ކޯޓަށްވާއިރު އެ ކޯޓުގެ އަމުރު ތަންފީޒުނުކޮށް އެއަށް ސުވާލު އުފެއްދުމުގެ ބާރެއް ބަންޑާރަ ނައިބަށް ނެތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.