1 ފެބުރުއަރީގެ އަމުރު

ސަރުކާރުން މިއަދު އިއުލާން ކުރީ ބަޣާވާތެއް: އިދިކޮޅު

ސުޕްރީމް ކޯޓުން އަމުރު ކުރި ނަމަވެސް އަމަލު ކުރާނީ އެޓާނީ ޖެނަރަލް މުހައްމަދު އަނިލްގެ ލަފާގެ ދަށުން ކަމަށް އޭސީޕީ ނަވާޒް އާއި މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވުމަކީ ސަރުކާރުން ބަޣާވާތް އިއުލާން ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އިދިކޮޅު ޕާލިމެންޓަރީ ގްރޫޕުން މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ޝިޔާމް އާއި ނަވާޒް ޓީވީއަށް އަރައި ގާނޫން އަސާސީ ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އަމަލު ކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެއީ ގާނޫން އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ. އެހެން ނަމަވެސް ނަވަޒާއި ޝިޔާމްގެ އެ އަމަލުތަކާ ގާނޫނުތައް އަރައި ހަމަ ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"މިއީ ބަޣާވާތެއްކަން ވަރަށް ސާފު، ގާނޫން އަސާސީގެ ބާރު ކަނޑުވާލީމަ އެ އޮތީ ބަޣާވަތް ކުރެވިފައި، ބަޣާވަތް ކުރިކަމަށް މިއަދު ޓީވީއަށް އަރައި ޝިޔާމް އާއި ނަވާޒް އެ ވާހަކަދެއްކެވުމުން އެވީބަޣާވާތެއް، ރަސްމީކޮށް އެ އިއުލާން ކުރެއްވީ ބަޣާވާތް،" ފައްޔާޒް ވިދާޅުވި އެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގާނޫނުގައިވާ ގޮތުން ވެރިކަން ހިންގުމުގެ ބާރު ރައިސުލްޖުމްހޫރިއްޔައަށް ލިބޭ ކަމަށާއި ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސަރުކާރާއި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ވެސް ރައިސުލްޖުމްހޫރިއްޔާ ކަމަށް ގާނޫން އަސާސީގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ޝިޔާމް ޓީވީތަކަށް އަރައި އަސްކަރިއްޔާ އޮތީ ބަންޑާރަނައިބުގެ ފަހަތުގައި ކަމަށް ވިދާޅުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމަށް ގާނޫން އަސާސީ ތަނެއް ނުދޭ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެކަމުން ސިފަ ކުރެވެނީ އެއީ ބަޣާވާތެއް ކަމަށް މާރިޔާ ވެސް ވިދާޅުވި އެވެ.

"ބަންޑާރަނައިބު އިންނަވައިގެން އެ ބޭފުޅާއާ ސީދާ ގޮތެއްގައި ގާނޫނީ ގޮތުން ގުޅުމެއް ނެތް ދެ ބޭފުޅުން ދެ މުއައްސަސާ ބައިތިއްބައިގެން އެފަދަ ވާހަކަތައް ދެއްކީމަ އަޅުގަނޑޫމެންނަށް ސިފަ ކުރެއްވެނީ މި ކުރައްވަނީ ބަޣާވާތެއް ކަމަށް، ބަންޑާރަނައިބު އެ އުޅެނީ ރައިސުލްޖުމްހޫރިއްޔާގެ ބާރު އެ ބޭފުޅާގެ އަތް މައްޗައް ނަގައިގެން،" މާރިޔާ ވިދާޅުވި އެވެ.

ޝިޔާމް އާއި ނަވާޒް ދެއްކެވި ވާހަކަ ގާނޫނާ ހިލާފުވާ ސަބަބުތައް ފާހަގަ ކުރައްވަމުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ފުލުހުންގެ ގާނޫނުގެ 53 ވަނަ މާއްދަގައި ކޮމިޝަނާ އޮފް ޕޮލިސްގެ މައްސޫލިއްޔަތުގެ ތެރޭގައި ގާނޫން އަސާސީގެ ދަަށުން ފުލުހުންގެ ދައުރު އަދާ ކުރުމުގެ އެންމެހައި ކަންކަން ރާވާ ބެލެހެއްޓުން ހިމެނޭ ކަމަށެވެ. ނަމަވެސް ސީޕީގެ ދައުރު އަދާ ކުރާ ބޭފުޅަކީ ބަންޑާރަނައިބުގެ ލަފާގެ ދަށުން މަސައްކަތް ކުރަން ޖެހޭ މީހެއް ކަމަށް އެ ގާނޫނުގައި ބުނެފައި ނުވާ ކަމަށް އަމީތު ވިދާޅުވި އެވެ. އެ ގާނޫނުގެ 74 ވަނަ މާއްދާގައި ފުލުހުންގެ އެއްވެސް މުއައްޒިފަކު ގަސްތުގައި ބާތިލު އަމުރެއް ކުރުމަކީ ކުށެއް ކަމަށާއި ފުލުހުންގެ އެއްވެސް މުއައްޒިފަކު ބާތިލު އަމުރަކަށް ކިޔަމަން ވުމަކީ ވެސް ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ.

އޭގެ އިތުރުން އަސްކަރިއްޔާގެ އިސްކޮށް ހުންނަވާ ބޭފުޅަކީ ބަންޑާރަނައިބުގެ އަމުރުތަކަށް ތަބާވާން ހުންނަ މީހެއް ކަމެއް ގާނޫންތަކުގައި ބުނެފައި ނުވާ ކަމަށާއި ނަމަވެސް އެންމެ މީގެއްގެ މުޝުތެރޭގައި ހައިޖެކްޓުވެފައި ތިބޭ ބަޔަކަށް ސިފައިން ވެގެން ނުވާނެ ކަމަށް އަމީތު ވިދާޅުވި އެވެ.

"އަނިލް މަސައްކަތް ކުރަނީ ރާއްޖޭގެ ގާނޫން އަސާސީގެ ބާރު ކަނޑުވާލަން، އެއީ ކަނޑައެޅިގެން ކުރެވޭ ބަަޣާާވާތެއް، ބަނޑާރަނައިބަކަށް އެ މަގާމުގައި ހުރެގެން އެގޮތަކަށް ކަމެއް ނުކުރެވޭނެ،" އަނިލް ވިދާޅުވި އެވެ.