1 ފެބުރުއަރީގެ އަމުރު

އެމެރިކާ ސަފީރުގެ ސުވާލުތަކެއް ދިވެހި ސަރުކާރަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ނުބޭއްވެނީ ސަލާމަތީ ގޮތުން ކޮން ނުރައްކަލެއް އޮވެގެންތޯ އެމެރިކާއިންް ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ސުވާލު އުފައްދަވައިފިއެވެ.

ސަލާމަތީ ކަންކަމުގައި ރާއްޖެއަށް ބޮޑު އެއްބާރުލުމެއް ދޭ އަދި ރާއްޖޭން އެގައުމަށް ވެސް އެއްބާރުލާ އެމެރިކާގެ ސަފީރު މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި އެހެން ބައެއް ސުވާލުތައް ވެސް ކުރެއްވި އެވެ.

ސަފީރު ކުރެއްވި ޓްވީޓުގައި ޖުމްލަ ގޮތެއްގައި ދެން ކުރެއްވީ އިދިކޮޅު ބައެއް ސިޔާސީ ލީޑަރުންނާއި އެހެން ބައެއް މީހުން މިނިވަން ކުރުމަށާއި ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒު ނުވެ އޮތް ސަބަބުތައް ސާފު ކުރެއްވުމަށް ކުރެއްވި ސުވާލުތަކެކެވެ.

" ދިވެހިރާއްޖޭގެ މަޖިލީސް މާދަމާ ބައްދަލުވުން ހުއްޓުވަނީ ސަލާމަތީ ކޮން ނުރައްކަލަކާ ހެދި؟ އެމްޕީންގެ ގަޔަށް މަގުމަތީގައި ޕެޕާ ސްޕްރޭ ޖަހައި އެއާޕޯޓަށް ފައިބާވަޑައިގެންނެވުމުން ހައްޔަރު ކުރަނީ ކީއްވެ؟ ޖަލަށް ލާފައިވާ އެމްޕީން މިނިވަންކޮށް، ސަސްޕެންޑް ކުރި އެމްޕީންގެ އިމްތިޔާޒުތައް އިއާދަކޮށް، ސަރުކާެރު ފުލުހުން އަދި ސިފައިން ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރާނީ ކޮން އިރަކުން،" ސަފީރުގެ ޓްވީޓްގައި ކުރައްވާފައި ވަނީ މި ސުވާލުތަކެވެ.

އެމެެރިކާ ސަފީރު މިމޭރުމުން ކަންބޮޑުވުންތައް ފާޅުކުރައްވާފައި މިވަނީ ރައީސް އަބްދުﷲ ޔާމީން އަޒުލު ކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް އެއަށް ތަބާނުވާނެ ކަމަށާއި އަމަލު ކުރާނީ ބަންޑާރަނައިބު މުހައްމަދު އަނިލްގެ ގާނޫނީ ލަފާގެ ދަށުން ކަމަށް ފުލުހުންނާއި ސިފައިންގެ ވެރިން މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސިފައިންގެ މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވީ ގައުމު ނުތަނަވަސް ކަމެއްގެ ތެރެއަށް ދާތަން ބަލާކަށް އަސްކަރިއްޔާއިން ނުތިބޭނެ ކަމަށާއި އެގޮތުން އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވާނެ ކަމަށެވެ. އަދި ސިފައިން މަސައްކަތް ކުރާނީ އަނިލްގެ ގާނޫނީ ލަފާގެ ދަށުން ކަމަށް ޝިޔާމް ވިދަޅުވި އެވެ.

ރައީސް އަޒުލު ކުރަން އުޅޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހާ މިހާރު ހަވާލުވެ ހުންނެވި އޭސީޕީ އަބްދުﷲ ނަވާޒް ވިދާޅުވީ އެފަދަ ޣައިރު ގާނޫނީ އަމުރަކަށް ފުލުހުން ތަބާނުވާނެ ކަމަށެވެ. އަދި ފުލުހުން ވެސް މަސައްކަތް ކުރާނީ އަނިލްގެ ލަފާގެ ދަށުން ކަމަށެވެ.

"ސުޕްރީމް ކޯޓުން ނެރޭނެ އަމުރާ ގުޅޭ ގޮތުން ފުލުހުން މަސައްކަތް ކުރާނީ ބަންޑާރަނައިބުގެ ލަފާގެ ދަށުން، އެ ހަލަތެއްގައި ފުލުހުން ގެންދާނީ ގާނޫން އަސާސީއާ ހިލާފު ނުވާނެ ގޮތަށް އެފަދަ ކަންކަން ތަންފީޒު ކުރަން އެހެންވީމަ ފުލުހުންގެ ފަރާތުން ދަންނަވާލަން އޮތީ އެފަދަ ހިލާފު އަމުރަކަށް ފުލުހުން އަމަލު ނުކުރާނެކަން،" ނަވާޒް ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން މިހެން ބުނެފައިވާ އިރު އޭޖީ އަނިލް ވެސް ވިދާޅުވެފައި ވަނީ ރައީސް އަޒުލު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރިޔަސް އެއަށް އަމަލެއް ނުކުރާނެ ކަމަށެވެ. އެއީ ގާނޫން އަސާސީގެ 100 މާއްދާގައި ވާ ގޮތުން ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުން ފާސް ކުރާ ގަރާރަކުން ކަމަށާއި ސުޕްރީމް ކޯޓަށް ލިބޭ ބާރަކީ އެ ގަރާރުގެ ސައްހަކަން ކަށަވަރު ކުރުން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.