1 ފެބުރުއަރީގެ އަމުރު

ރައީސްގެ ޝަރުތެއް ގެއްލިއްޖެކަން ސުޕްރީމް ކޯޓަށް ކަނޑައެޅޭނެ: ސުއޫދު

ސުޕްރީމް ކޯޓަށް ރައިސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވި ނަމަވެސް ރައީސްގެ ޝަރުތެއް ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓަށް ނިންމިދާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް މަގާމުން ދުރުކުރުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތް ކަމަށާއި އެކަމުގެ ބާރު ގާނޫނު އަސާސީއިން ދީފައި އޮތީ، ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޝަރީއަތެއް ހިންގައި ކުށް ސާބިތުވެގެން ނޫނީ ރައީސް މަގާމުން ދުރު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އަޒު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން، ރައްޔިތުންގެ މަޖިލީހަށް އެބަ އޮތް އިޖުރާއަތްތަކެއް ކަނޑައަޅާފަ، ރައީސް މަގޟުން ދުކުރުކުރެވޭނެ، އެ އިޖުރާއައުތައް އޮތީ ވަރަށް ކޮންޕްރޮމައިޒްކޮށްފަ، އެ ބޭފުޅުން އަމިއްލަައަށް ގެނައި ބަދަލަކުން އެކަން ވަނީ ވަރަށް ދޯހަޅިވެފަ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސް މަގާމުން ދުރުކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ޝަރީއަތެއްކޮށް ކުށް ސާބިތުވާނަމަ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ރައީސްގެ ގައިގާ ހުންނަންޖެހޭ ޝަރުތުތަކެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެއިން ޝަރުތެއް ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓަށް ހުކުމް ކުރެވިދާނެ ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަދެ ޖަލްސާތަކަށް ހުރަސް ނޭޅޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. މަޖިލީހުގެ ހަތަރު ފާރުގެ ތެރެއަށް ފުލުހުން ވަންނަ ކޮންމެ ފަހަރަކު އެ ކުރަނީ ކުށެއް ކަމަށާއި އޭގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސްއަކު މަގާމުން ވަކި ކުރެވިދާނެ ކަމަށް އޮވެ އެވެ. އެއީ އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީ ނުވަތަ ގާނޫނަކާ ރައީސް ހިލާފުވުމުން ނޫނީ، މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ނޫނީ މަގާމުގައި ހުންނަވައިގެން ކުރުން އެކަށީގެން ނުވާ ކަމެއް ކުރައްވައިފިނަމަ އެވެ. އެކަމަކު އެ މާއްދާގައިވާ ގޮތުން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ.

ސުޕްރީމް ކޯޓުން ވަކި ކަމެއް އަންގައި ނެރޭ އަމުރަށް ތަބާނުވުމަކީ އޮތް ކަމެއް ނޫން ކަމަށާއި އަމުރަށް ތަބާނުވުމަކީ ކުށްވެރިވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. ސުއޫދު އިޝާރަތް ކުރެއްވީ ބަންޑާރަ ނައިބު މުހައްމަދު އަނިލަށެވެ. ސުޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީން އަޒުލުކޮށް އަމުރެއް ނެރެފިނަމަ އެއަށް ތަބާނުވާނެ ކަމަށް އަނިލް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ސިފައިންނާއި ފުލުހުންނަށް ވަނީ އަންގާފަ އެވެ.

ސުއޫދު ވިދާޅުވީ، އެއީ ބަންޑާރަ ނައިބެއްގެ މަގާމުގައި ނުވަތަ ވަކީލެއްގެ ހައިސިއްޔަތުން ވިދާޅުވެ ވެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ އަނިލްގެ ވަކީލެއްގެ ޝަރުތު އުނިވީފަދަ ވާހަކައެއް ކަމަށެވެ. އެހެންވެ އޭނާއަށް ފިޔަވަޅު އަޅަން ސުއޫދު ގޮވާލެއްވި އެވެ. އެއީ ކޯޓުގެ ހުރަމަތް ކެނޑުމުގެ އަމަލަކަށްވާތީ ސަސްޕެންޑް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.