1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒު ކުރޭ، އެއަށް ފަހު އަދީބާއި ނަޝީދު ހައްޔަރުކުރޭ: އުމަރު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފިޒު ކުރަން ޖެހޭ ކަމަށާއި ނަމަވެސް ކުރީގެ ރައީސް ނަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަލުން ހައްޔަރު ކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ގޮތުން ފުރަތަމަ ޓްވީޓެއް ކުރައްވަމުން އުމަރު މިއަދު ވިދާޅުވީ ސަރުކާރުން އެ ކޯޓުގެ އަމުރު ތަންފީޒުކޮށް ހުރިހާ ސިޔާސީ ފަރާތްތަކުން ދޫކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުން އަލުން ނަޝީދާއި އަދީބު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އެއީ އެ ދެ ބޭފުޅުންނަކީ ކޮރޮޕްޝަނާއި މަގާމުގެ ނުފޫޒު ނަހަމު ގޮތުގައި ބޭނުން ކުރުމާއި ފަންޑިޔާރަކު ރަހީނު ކުރުމާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުން ފަދަ ކުށްތަކެއް ހާމަކަން ބޮޑު ގޮތެއްގައި ކުރެއްވި ފަރާތްތަކަށްވާތީ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ މިހާރު ގުޅިވަޑައިގަން އުޅުއްވާ އުމަރަކީ ފެށުނީއްސުރެއް ރައީސް ނަޝީދަށް ފާޑު ކިޔާ އެމަނިކުފާނާ ދެކޮޅަށް އުޅުއްވާ ބޭފުޅެކެވެ. އަދި އަދީބު މަގާމުން ވަކި ކުރިފަހުން އުމަރު އެކި ފަހަރުގެ މަތިން ވަނީ އަދީބުގެ އަމަލުތަކަށް ވަސް ކުށްވެރިކުރަމުން ގެންދަވަ އެވެ.

އަމުރު ތަންފީޒު ކުރުމަށް އުމަރު ގޮވާލި ނަމަވެސް ސަރުކާރުން އަންނަނީ އެކަން ތަންފީޒު ކުރުން ލަސް ކުރަމުންނެވެ.