1 ފެބުރުއަރީގެ އަމުރު

ޑީޖޭއޭގެ ވެރިޔާ ހައްޔަރުކުރަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ވެރިޔާ ހަސަން ސައީދު ހައްޔަރުކުރަން ނެރެފައިވާ ކޯޓު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

މިއަދު ހެނދުނު ހަސަން ސައީދު ދިރިއުޅުއްވާ ހ. ނިޝާން ޕްލާޒާއަށް ފުލުހުން ވަދެ އެ ގޭގައި އޭނާ ދިރިއުޅުއްވާ ތިން ވަނަ ފަންގިފިލާ ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ. ނަމަވެސް ހަސަން ސައީދު ދިރިއުޅުއްވާ ތަނެއް ނޭނގިގެން ފުލުހުން އޭނާ ހޯދަން ވެސް އިއުލާންކުރި އެވެ.

ސުޕްރީމް ކޯޓުން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފުލުހަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފުލުހުން ހަސަން ސައީދު ހައްޔަރުކުރަން އުޅޭ މައްސަލާގައި ހިމެނޭ ކަންކަމަށް ބެލިއިރު އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް އިދާރީ މުވައްޒަފު، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހައްޔަރުކުރުމުގެ އަމުރު ނެރެ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދަނީ ހަމަޖެހިފައިވާ ގާނޫނީ އިޖުރާއަތާ ހިލާފަށް ކަމަށެވެ.

"އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފައިވާ ގޮތަށްކަން އެނގެން އޮންނާތީ އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގަން،" ބަޔާނުގައިވެ އެވެ.

ހައްޔަރުކުރުމުގެ އަމުރާ ގުޅޭ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭ ގޮތަށް މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު މައްސަލައިގެ ފައިލް މިރޭ 7:00 ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވުމަށް ވެސް ސުޕްރީމް ކޯޓުން ކުރިމިނަލް ކޯޓަށް ވަނީ އަންގާފަ އެވެ.