1 ފެބުރުއަރީގެ އަމުރު

ސަރުކާރު ހިމާޔަތްކުރުމުގައި ދެމި ތިބޭނަން: ސިފައިން

ސަރުކާރު ހިމާޔަތް ކުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އެމްއެންޑީއެފްއިން ދެންމެ ބުނެފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން އެމްއެންޑީއެފުންް ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަމަން އަމާންކަމާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުން ސާބިތުކަމާއި ބަދަހި ކަމާއެކު ދެމި އެބަ އޮތް ކަމަށެވެ. ސިފައިން ބަޔާނެއް ނެރެފައި މިވަނީ އެކި އެކި ހުކުމްތައް ކޮށް ޖަލަށް ލާފައިވާ ސިޔާސީ ބައެއް ލީޑަރުންނާއި އެހެންް ބައެއް މީހުން މިނިވަން ކުރުމަށް ސުޕްރީމްކޯޓުން ކުރި އަމުރަށް ތަބާ ނުވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

ސަރުކާރާމެދު ނަފުރަތުކަން އުފައްދާ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާ، ރާއްޖޭގެ މަސްލަޙަތު ނަގާލުމަށް ފާޅުގައި ހިތްވަރުދީ އެއްވުންތައް ބާއްވާ އަދި ސޯޝަލް މީޑިއާގައި ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް ބުރޫ އަރާ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާކުރުމަށް ހިންގަމުންދާ ތަފާތު ހަރަކާތްތައް ބަޔަކު ހިންގަމުންދާ ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ތުހުމަަތުކޮށްފައި ވެެއެވެ. އަދި ބުނެފައި ވަނީ އެފަދަ ހަރަކާތްތައް ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" ...ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާކުރުމަށް ހިންގަމުންދާ ތަފާތު ހަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުންނެވެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ސަރުކާރާ މެދު ނަފުރަތުކަން އުފައްދަން ހަގީގަތާ ހިލާފު ވާހަ ދައްކާ ކަަމަށް އެމްއެންޑީއެފުން ތުހުމަތު ކޮށްފައި ވިޔަސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި ބައިނަލް އަގުވާމީ މުޖުތަމައުން ސަރުކާރަށް ފާޑުކިޔަމުން ދަނީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުނުކޮށްގެންނެވެ. އެ އަމު ތަންފީޒު ނުކޮށްގެން ސުޕްރީމްކޯޓުން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފައެވެ. ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގައި ދައުލަތުގެ އިދާރާތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.