1 ފެބުރުއަރީގެ އަމުރު

ޔާމީން ވެރިކަން ދޫކޮށްލަން ގޮވާލި ޓްވީޓަކަށް ވަހީދުގެ ތާއީދު

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު އިއްޔެ ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތާއީދުު ކުރައްވައި އެ ޓްވީޓް ރިޓްވީޓް ކުރައްވައިފި އެވެ.

ޑރ. ވަހީދަކީ ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ނައިބެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން ވަހީދު ރައީސް ކަމަށް ވަޑައިގެންނެވި ހިސާބުން އެ ދެބޭފުޅުންގެ ގުޅުން އޮތީ ވަރަށް ގޯސްވެފަ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ފާޑުވިދާޅުވެފައި ވަނީ ރާއްޖޭގައި އަވަސް އިންތިހާބަކަށް ޖާގަ އޮތް ނަމައޭ ހިތްޕުޅަށް އަރާ ވަޑައިގަންނަވާ ކަމަށް، ވިދާޅުވެ ރައީސް ޔާމީނު އިއްޔެ ދެއްކެވި ވާހަކަފުޅަށެވެ. ޓްވީޓުގައި ވިދާޅުވެފައި ވަނީ އެއީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށެވެ.

"ރައީސް ޔާމީނަށް ޖެހެނީ ގޮތް ދޫކުރައްވައި ވަޑައިގަންނަވަން" ރައީސް ނަޝީދު ކުރެއްްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ އެފަދަ ޓްވީޓެއް ޑރ. ވަހީދު ރިޓްވީޓް ކުރެއްވި އިރު އެމަނިކުފާނަކީ ރައީސް ޔާމީނަށާއި ޕީޕީއެމަށް ފަހަކަށް އައިސް ތާއީދު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.