އެކިއެކި ހުކުމްތައް ކޮށް ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުންނާއި އެހެން ބައެއް މީހުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުވަނީސް އިދިކޮޅުން އެކަން ދޫ ނުކުރާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އާޓިފިޝަލް ބީޗު ކައިރީގައި އެމްޑީޕީގެ ޖަހަގަހައިގެ ކުރިމަތީގެ މިރޭގެ އެއްވުމުގައިި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެ އަމުރު ތަންފީޒު ކުރަަން ބާރު އެޅުމަށް ކުރެވެން އޮތް ހުރިހާ މަަސައްކަތެއް އިދިކޮޅުން ކުރާނެ ކަމަށެވެ. އެކަމުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވެ، މިސާލު ޖެއްސެވީ އިހުގައި މާބަނޑު އަންހެނުން ވިހަން އުނދަގޫ ވުމުންް ކޮށް އުޅޭ ހުރާފާތުގެ ކަމަކަށެވެ.
"ސުޕްރީމް ކޯޓުގެ މިއޮތް އަމުރު މިހާރު ވެއްޖެ ވިހަން. އަޅުގަނޑުމެން މިހިފާ ހިފުމުގައި އެހެން ގޮތެއް ނެތިއްޖެއްޔާ މަރިޔަންމަލެއް ގެނެސް ބޯތައްޓަކަށް ލައިގެން މަރިޔަމް ސޫރަތް ކިޔައިގެން ވެސް އަޅުގަނޑުމެން މި އަމުރު ވިއްސާނަން. މި އަމުރު ތަންފީޒު ކުރާނަން. މި އަމުރު ތަންފީޒުކޮށްފައި އަޅުގަނޑުމެން ފަހަތަށް ޖެހޭނީ،" ޝާހިދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި މިރޭ އިދިކޮޅުން ބޭއްވި އެއްވުމުގައި އެހެން ރޭރެއަށް ވުރެ ގިނައިން މީހުން ބައިވެރި ވިއިރު އެ އެއްވުމަށް ހުރަސް އަޅަން ފުލުހުން ވެސް މަސަައްކަތެއް ނުކުރެއެވެ. ފުލުހުން މިރޭ އަންނަނީ އެ ސަރަހައްދުގެ ޓްރެފިކް ވެސް ބަލަހައްޓަމުންނެވެ.
ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ ތިން ދުވަސް ފާއިތުވެ ދިޔައިރުގެސް އެ އަމުރު ތަންފީޒު ކުރަން ސަރުކާރަކުން ނޫޅެއެވެ. ކަން މިހެން އޮއްވައި ރައީސް ޔާމީނު އަޒުލު ކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމަށް ވެސް ސަރުކާރުން މިއަދު ވަނީ ތުހުމަތުކޮށްފަ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސިފައިންގެ މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވީ ގައުމު ނުތަނަވަސް ކަމެއްގެ ތެރެއަށް ދާތަން ބަލާކަށް އަސްކަރިއްޔާއިން ނުތިބޭނެ ކަމަށާއި އެގޮތުން އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބާ ނުވާނެ ކަމަށެވެ. އަދި ސިފައިން މަސައްކަތް ކުރާނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ގާނޫނީ ލަފާގެ ދަށުން ކަމަށް ޝިޔާމް ވިދަޅުވި އެވެ.
ރައީސް އަޒުލު ކުރަން އުޅޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހާ މިހާރު ހަވާލުވެ ހުންނެވި އޭސީޕީ އަބްދުﷲ ނަވާޒް ވިދާޅުވީ އެފަދަ ޣައިރު ގާނޫނީ އަމުރަކަށް ފުލުހުން ތަބާނުވާނެ ކަމަށެވެ. އަދި ފުލުހުން ވެސް މަސައްކަތް ކުރާނީ އަނިލްގެ ލަފާގެ ދަށުން ކަމަށެވެ.
"ސުޕްރީމް ކޯޓުން ނެރޭނެ އަމުރާ ގުޅޭ ގޮތުން ފުލުހުން މަސައްކަތް ކުރާނީ ބަންޑާރަނައިބުގެ ލަފާގެ ދަށުން، އެ ހަލަތެއްގައި ފުލުހުން ގެންދާނީ ގާނޫން އަސާސީއާ ހިލާފު ނުވާނެ ގޮތަށް އެފަދަ ކަންކަން ތަންފީޒު ކުރަން އެހެންވީމަ ފުލުހުންގެ ފަރާތުން ދަންނަވާލަން އޮތީ އެފަދަ ހިލާފު އަމުރަކަށް ފުލުހުން އަމަލު ނުކުރާނެކަން،" ނަވާޒް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިން މިހެން ބުނެފައިވާ އިރު އޭޖީ އަނިލް ވެސް ވިދާޅުވެފައި ވަނީ ރައީސް އަޒުލު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރިޔަސް އެއަށް އަމަލެއް ނުކުރާނެ ކަމަށެވެ. އެއީ ގާނޫން އަސާސީގެ 100 މާއްދާގައި ވާ ގޮތުން ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުން ފާސް ކުރާ ގަރާރަކުން ކަމަށާއި ސުޕްރީމް ކޯޓަށް ލިބޭ ބާރަކީ އެ ގަރާރުގެ ސައްހަކަން ކަށަވަރު ކުރުން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.