ހަބަރު

ކްރިމިނަލް ކޯޓުން މެންބަރު ސިނާން މިނިވަންކޮށްފި

Feb 5, 2018
2

ރާއްޖެ ވަޑައިގަތްތަނުން އެއާޕޯޓުން ހައްޔަރު ކުރި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން މިނިވަން ކުރަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ހުކުމް ކޮށްފި އެވެ. ސިނާން ވަނީ ކޯޓުން ބޭރަށް މިހާރު ނިކުމެ ވަޑައިގެންފަ އެވެ. ނޫސްވެރިންނާ ސިނާން ދަނީ މިހާރު ވާހަކަ ދައްކަވަމުން އެވެ.

ސިނާން ނޫސްވެރިންނާ ބައްދަލު ކުރައްވާ، ވިދާޅުވީ އޭނާއަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް އަސްލެއްނެތް ސިޔާސީ ގޮތުން ކޮށްފައިވާ ތުހުމަތުތަކެއް ކަން އޭނާ ފާޅުގައި ބުނަމުން ދިޔަ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން އެކަން ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ ކަމަށް ވެސް ސިނާން ވިދާޅުވި އެވެ. އޭނާ ހައްޔަރު ކުރުމަށް، ފުލުހުން ދެއްކި ހުއްޖަތުތަކުގައި ދެކޮޅު ނުޖެހޭ ކަންކަން ހުރިކަން ކޯޓްގެ ލިޔުންތަކަށް ބަލައިލުމުން ސާފުވާނެ ކަމަށް ވެސް ސިނާން ވިދާޅުވި އެވެ. ސިނާން ވިދާޅުވީ ހައްގަށް ނަސްރު ލިބޭނެ ކަމަށާއި ސަރުކާރު ހަމަމަގަށް އަޅުވަން ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބުނަމުން އައީ އަޅުގަނޑު ހައްޔަރު މި ކުރަނީ ސިޔާސީ ގޮތުން އަޅުގަނޑުގެ ހިޔާލު ތަފާތުވީމައޭ. މިއީ ސިޔާސީ ގޮތުން ބިރު ދައްކަން ކުރާ ކަމެކޭ. އެކަން މި ސާފުވެގެން މި އައީ،" ސިނާން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ބިރެއް ނުދެއްކޭނެ. އިރާދަ ކުރެއްވިއްޔާ މި މަސައްކަތައިގެން އަޅުގަނޑު ދާނީ ކުރިއަށް،"

ސިނާން ވަކީލް ވިދާޅުވީ ސިނާން ދޫކޮށްލަން ޝަރީއަތުން ނިންމީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މަޖިލީހުގެ މެންބަރަކަށް ސިނާން ވާތީ އޭނާ ހައްޔަރު ކުރުމުގައި ފުލުހުން ގެންގުޅުނު އިޖުރާއަތްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށެވެ.