ހަބަރު

ބިރެއް ނުދެއްކޭނެ، ފަހަތަކަށް ނުޖެހޭނަން: ސިނާން

އެކި ގޮތްގޮތުން ދައްކާ ބިރަކުން އިސްލާހީ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން މިއަދު ވިދާޅުވެއްޖެ އެވެ.

ސިނާން މިހެން ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށް، މިއަދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފުލުހުން އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލުމާ ގުޅިގެންނެވެ. ސިނާން ދޫކޮށްލީ އެ ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފްގެ އަމުރެއްގެ ދަށުންނެވެ.

މިނިވަންވުމުން ކޯޓުން ނުކުމެވަޑައިގެން މީޑިއާއާ ބައްދަލުކޮށް ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ސިނާން ވިދާޅުވީ، މިއަދު ވެސް އެނގިގެން ދިޔައީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ސަބަބުތަކާހުރެ ބިރު ދެއްކުމުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭނުން ވެގެން ކުރާ ތުހުމަތުތަކެއް ކަމަށެވެ. މީގެކުރިން ވެސް އެތައް ފަހަރަކު ސިނާން އެކަން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

"މިއަދު ކޯޓުގަ އެކަން ހާމަވެގެން އެ ދިޔައީ، ތިޔަބޭފުޅުން ބައްލަވާ ކޯޓުގެ ނިންމުމުގެ ތަފްސީލްތައް، ސާފުކޮށް ފެނިވަޑައިގަންނަވާނެ ފުލުހުން ދައްކަމުން ދިޔަ ވާހަކަތަކާ އޭގަ ހުރި ދެކޮޅު ނުޖެހޭ ވާހަކަތައް،" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ، "އިސްލާހީ މަސައްކަތް ދަނީ ކާމިޔާބުވަމުން، ހައްގަށް ނަސްރު ލިބެމުން" ކަމަށެވެ.

"މިކުރާ މަސައްކަތުގަ ފަހަތަށް ނުޖެހޭނަން، ބިރެއް ވެސް ނުދެއްކޭނެ، އެއަށްވުރެ އުނދަގޫ އެއަށްވުރެ ދަތި ދުވަސްތަކުގަ އަޅުގަނޑުމެން މަސައްކަތްކޮށް މިއަދު އެބަ ފެނޭ ކާމިޔާބީއާ ހަމައަށް ދެވޭ ތަން، ﷲގެ އިރާދަކުރެއްވިއްޔާ މި މަސައްކަތުގަ އަޅުގަނޑު ދެމި ހުންނާނަން، މަސައްކަތް ދާނީ ކުރިއަށް، ވީހާވެސް ބޮޑަކަށް މި މަސައްކަތުގެ ތެރެއަށް ވަދެ، މި ކަމުގައި ބައިވެރިވުމަށް އަޅުގަނޑު އެދެން،" ސިނާން ވިދާޅުވި އެވެ.

ފުލުހުންގެ ފަރާތުން މިއަދު އެދިފައިވަނީ ސިނާން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ނަމަވެސް ސިނާންގެ ފަރާތުން ކޯޓުތަކުގަ ބޮޑެތި އިޖުރާއީ ނުކުތާތަކެއް ފާހަގަކުރި އެވެ. ސިނާންއަށް ކުރާ ތުހުމަތަކީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިދިޔަ އަހަރުގެ މެއި މަހު ކުރެއްވި ކަމަށް ބުނާ ކަމަކާ ގުޅޭ ގޮތުން ކުރާ ތުހުމަތެކެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ފާރިސްގެ މައްސަލައަކީ ސިޔާސީ ނުފޫޒެއްގަ ކުރިއަށްދާ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންވެ، ސިނާންގެ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ގާޒީ ނިންމެވި އެވެ. އަދި ހައްޔަރުކުރުމުގައި ވެސް އިޖުރާއީ މައްސަލަތަކެއް ހުރި ކަމަށް ގާޒީ ނިންމެވި އެވެ. ކޯޓުން އަމުރުކުރުމާއެކު ސިނާން ގިނަ އިރުތަކެއް ނުވެ ދޫކޮށްލި އެވެ.

ސިނާން ރާއްޖެ ދޫކުރައްވާ ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވުމަށްފަހު އެވެ. އޭގެ ފަހުން ސިނާން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ސިނާން ރާއްޖެ ވަޑައިގަތުމުގެ ކުރިން ކުރިމިނަލް ކޯޓުން އޭނާ ހައްޔަރުކުރަން އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރު ގާޒީ އަރީފް ބާތިލުކުރެއްވި އެވެ. ސިނާން ހައްޔަރުކުރީ އޭގެ ފަހުން އެ ކޯޓުގެ އެހެން ގާޒީއަކު ނެރުއްވި އަމުރެއްގެ ދަށުންނެވެ. ސިނާންއާއެކު ހައްޔަރުކުރި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް މިއަދު ވަނީ ދޫކޮށްލާފަ އެވެ.