ވިޔަފާރި

މާލޭގެ ހޮޓާތަކަށް ހެދި ބުކިންތައް ކެންސަލް ކުރަން ފަށައިފި

  • ރިސޯޓުތަކަށް އަދި މައްސަލައެއް ނެތް
  • ދިގު ދެމިގެންދާނަމަ ގެއްލުން ބޮޑުވާނެ
  • މާލޭގެ ވިޔަފާރިއަށް ގެއްލުން ވާން ފަށައިފި

މާލޭ ތެރެ ހަލަބޮލިވުމާއެކު، މާލޭގެ ގިނަ ޓޫރިސްޓު ހޮޓާތަކުގެ ބުކިންތައް ކެންސަލްކުރަން ފެށުމާއެކު، މާލޭގެ ޓޫރިސްޓު ވިޔަފާރިއަށް ގެއްލުމާ ކުރިމަތިވާން ފަށައިފި އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުންގެ ގެންނަ ޓްރެވަލް އެޖެންސީއެއްގެ ވެރިއަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވީ ގިނަ ހޮޓާތަކުގެ ބުކިންތައް ކެންސަލް ކުރަން ފަށާފައިވާ ކަމަށެވެ.

"މާލޭގެ ހޮޓާތަކަށް މައްސަލަ ދިމާވެފައިވަނީ. ވަރަށް ގިނަ ބުކިންތައް ވަނީ ކެންސަލް ކޮށްފަ. އަދި ކެންސަލް ކުރާނެ ކަމަށް ބެލެވޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވިއެވެ.

ޓްރެވަލް އެޖެންސީއެއް ހިންގާ އެހެން ފަރާތެއް ބުނި ގޮތުގައި ރިސޯޓުތަކަށް މިވަގުތު ގެއްލުން ނުވިނަމަވެސް، ދިގު ދެމިގެންދާނަމަ، މައްސަލަތަކާ ކުރިމަތިވާނެ ކަމަށެވެ.

"ގިނަ ރިސޯޓުތައް ހުރީ ފުލްވެފައި މިހާރު. އެކަމަކު ކުރިއަށް އޮތް ބުކިންތައް ކެންސަލްވާނެކަން އެނގޭނީ ފަހުން. ހަމަ ގައިމުވެސް ވާނެ ކަމަށް ބެލެވެނީ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

މާލޭގައި ހިންގާ މަޝްހޫރު ހޮޓަލެއްގެ ވެރިއަކު ބުނި ގޮތުގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމުގެ ގެއްލުން ބޮޑުވަމުންދާ ކަމަށެވެ.

"ވަރަށް ބޮޑު ގެއްލުމެއް މިއީ. މިތަނުގައި ވެސް ވަރަށް ގިނަ ދިވެހިން ވަޒީފާގައި އެބަތިބި. އެހެންވެ މިކަމުގެ ސަބަބުން މުޅި ގައުމަށް ގެއްލުންވޭ. އެހެންވެ މިކަން ހައްލު ކުރަން ޖެހޭ،" ހޮޓަލެއްގެ ވެރިއަކު ބުންޏެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާ ހަލަބޮލި ވެގެން ގޮސްފައި މިވަނީ، ސުޕްރީމް ކޯޓުން ބައެއް ސިޔާސީ ބޭފުޅުން ދޫކޮށްލަން ނެރުނު އަމުރު ތަންފީޒް ކުރުން ލަސްކުރަމުންދާތީ އެވެ. އަދި މިކަމުގެ ސަބަބުން ސިޔާސީ ގޮތުން ރާއްޖެ ހޫނުވެފައިވާއިރު ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުން ވަނީ ރާއްޖެއަށް އައުމުގައި ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީތައް ނެރެން ފަށާފަ އެވެ. މިގޮތުން އިނގިރޭސިވިލާތާއި ޗައިނާ އަދި އެމެރިކާ ފަދަ ގައުމުތަކުން ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ.