އިންޑިއާ ރައްޔިތުން ރާއްޖެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރެއް ނުކުރަން އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން މިރޭ އެންގީ ސަރުކާރުން ވަކި އެއްޗެއް އަންގަންދެން ވެރިރަށް މާލެއަށާއި އަތޮޅުތަކަށް ވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށެވެ. އަދި ރާއްޖޭގައި މިހާރު ތިބި އިންޑިއާ މީހުން ވެސް ސަލާމަތާ ރައްކާތެރި ކަމަށް ސަމާލުވާން ވެސް ވަނީ އަންގާފަ އެވެ. އެގޮތުން މީހުން އެއްވާ ތަންތަނަށް ނުދާން އެމީހުންނަށް ވަނީ ލަފާ ދީފައެވެ.
އިންޑިއާ އެެކްސްޓާނަލް މިނިސްޓްރީގެ އިރުޝާދުގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހާލަތާ މެދު އިންޑިއާއިން ކަންބޮޑުވާ ކަމަށެވެ.
އިންޑިއާއިން އެގައުމުގެ ރައްޔިތުންނަށް މި އިރުޝާދު ދީފައި މިވަނީ ޝަރުއީ ނިޒާމުގެ ބާރު ކަނޑެވޭ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށެވެ.
ގާނޫނީ މާހިރެއް އަދި ކުރީގެ ބަންޑާރަ ނައިބެއް ކަމަށްވާ ހުސްނުއް ސުއޫދު މިރޭ ވިދާޅުވީ ޝަރުއީ ނިޒާމުގެ ބާރު ކެނޑޭ ގޮތަށް ކުއްލި ހާލަތު އިއުލާނު ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނު އަސާސީއަ ހިލާފު ކަމެއް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރާ ނަމަ އެއީ އަސްކަރީ ވެރިކަމަކަށް ބަދަލުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.