ކުއްލި ނުރައްކަލުގެ ހާލަތު

ކްރިމިނަލް ކޯޓުގައި ގާޒީންތަކެއް ހިފެހެއްޓުމަށްފަހު ދޫކޮށްލައިފި

ކުރިމިނަލް ކޯޓުގެ ގާޒީންތަކެއް ކުރިމިނަލް ކޯޓުގައި އެތައް ގަޑިއިރެއް ވަންދެން ހިފަހައްޓައިފި އެވެ. މައުލޫމާތު ލިބޭ ގޮތުގައި، އެ ކޯޓު ތެރޭގައި ފަސް ގާޒީއަކު ހިފެހެއްޓި އެވެ. އޭގެއިތުރުން 15 މުވައްޒަފަކު ވެސް ހިފެހެއްޓި އެވެ.

އިތުބާރު ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، ކުރިމިނަލް ކޯޓުގައި ގާޒީންތަކެއް ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ އިރުކޮޅެއްގެ ތެރޭގައި އެވެ. ކޯޓު ތެރޭގައި ގާޒީން ގާތްގަނޑަކަށް ހަތަރު ގަޑިއިރެއްހާ އިރަށް ހިފެހެއްޓި އެވެ. ނަމަވެސް މިހާރު އެ ގާޒީންނާއި މުވައްޒަފުން ވަނީ ދޫކޮށްލާފަ އެވެ.

ކުރިމިނަލް ކޯޓުގެ ފަސް ގާޒީއަކު ކޯޓު ތެރޭގައި ހިފެހެއްޓިއިރު، އެ ފަސް ގާޒީން މިއަދު ވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރުމަށް އެ ކޯޓުން ނެރުނު 15 ދުވަހުގެ ބަންދުގެ އަމުރު ބާތިލުކޮށްފަ އެވ.

ހިފެހެއްޓި ގާޒީންއަކީ އެ ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި، ގާޒީ އާދަމް އަރީފާއި، އަލަށް އެ ކޯޓަށް އައްޔަންކުރެއްވި ދެ ގާޒީން ކަމަށްވާ ހުސެއިން ޝަހީދާއި އަހުމަދު ހައިލަމް އެވެ. އޭގެ އިތުރުން ގާޒީ މުހްތާޒު ފަހުމީ އަދި ގާޒީ އަލީ އާދަމް ވެސް ހިފެހެއްޓި އެވެ.

މިފަހުން ކުރިމިނަލް ކޯޓުން ވަނީ ސިޔާސީ ތިން ބޭފުޅުން މިނިވަންކޮށްފަ އެވެ. އެ ބޭފުޅުން ބަންދުކޮށްދޭން ފުލުހުން އެދުނު ނަމަވެސް މަންޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ކުރިމިނަލް ކޯޓުން ދޫކޮށްލި އެވެ.