ވިޔަފާރި

1.5 މިލިއަނުން ދަށުގެ މަޝްރޫއުތަކަށް ކުދި ކުންފުނިތައް ކުރިމަތިލެވޭ ގޮތަށް ހަދައިފި

ކޮންސްޓްރަކްޝަން ރަޖިސްޓްރީގައި ނުހިމެނޭ ކުދި ކުންފުނިތަކަށް 1.5 މިލިއަން ރުފިޔާ އިން ދަށުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ ގޮތަށް ހައުސިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ނެޝަނަލް ކޮންސްޓްރަކްޝަން ގައިޑްލައިންގައި ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ ތެރެއިން ޖެނެރަލް ކޮންސްޓްރަކްޝަންގެ ގިންތިތަކުގެ ތެރެއަށް ގިންތި އެއް އިތުރުކޮށްފައިވާ ކަމަށެވެ.

" މި ގިންތިއަކީ އަލަށް މި ދާއިރާގެ މަސައްކަތްތަކަށް ނުކުންނަ ނުވަތަ ކުދި ކުންފުނިތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުމަށް އުފެއްދި ގިންތިއެއް ކަމުގައި ދަންނަވަމެވެ" ހައުސިން މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ޕްރޮކިއުމަންޓާއި ބެހޭ ބާބުގައިވާ ގޮތުން ދަށުން ބީލަމުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ސަޕްލަޔަރުން ރަޖިސްޓަރީކޮށް ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ފަދައިން ނެޝަނަލް ކޮންޓްރެކްޓާސް ގައިޑްލައިންގެ ދަށުން ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ގިންތިތައް އިތުރުކޮށްފައިވަނީ މި ދާއިރާއަށް ނުކުންނަ ކުދި ކުންފުނިތަކަށް އަމާޒުކޮށްގެން ކަމަށާއި 1.5 މިލިއަން ރުފިޔާއިން ދަށުގެ ބިޑްތަކަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް ބިޑަށް ކުރިމަތިލުމަށްފަހު އެއްބަސްވުމުގައި ސޮއިކުރަންވާނީ އެފަރާތެއް ނެޝަނަލް ކޮންސްޓްރަކްޝަން ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްފަހުގައި ކަމަށެވެ.