1 ފެބުރުއަރީގެ އަމުރު

ކުއްލި ހާލަތާއެކު އެމްނެސްޓީން ކަންބޮޑުވެއްޖެ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތުމުން އެމްނެސްޓީ އިންޓަނޭޝަނަލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްނެސްޓީން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ފަދަ ބަދަލެއް ކަމަށެވެ. ކަންބޮޑުވާ ކަމަކަަށްވީ ސިޔާސީ ގޮތުން ބޮޑު ނުތަނަވަސްކަން ބޮވެފައިވާ ވަގުތެއްގައި ކުއްލި ހާލަތު އިއުލާނު ކުރުމުން ކަމަށެވެ.

"ދިވެހިރާއްޖޭގެ އިދާރާތަކަކީ ހިޔާލުފާޅު ކުރުމާއި އެއްވެސް ބާވަތެއްގެ އިދިކޮޅު ހަރަކާތެއް ހިންގުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ނުބައި ރެކޯޑު އޮތް އިދާރާތަކެވެ. އެކަމަކު މިހާރު އޮތް ސިޔާސީ މައްސަލަގަނޑުގެ ޝިކާރައަކަށް އިންސާނީ ހައްގުތައް ވެގެން ނުވާނެއެވެ،" އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ރޭގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ގާނޫނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައް މިއަދުވެސް ވަނީ ހަނިކޮށްފަ އެވެ. ރާއްޖޭގެ ހާލަތާ މެދު އިންޑިއާއާއި އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ކަންްބޮޑުވުންފާޅުކޮށްފަ އެވެ. ޗައިނާއިން ގޮވާލާފައި ވަނީ ރާއްޖޭގެ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރުމަށެވެ.