1 ފެބުރުއަރީގެ އަމުރު

ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވަނީ

Feb 6, 2018
12

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވާނީ މިއަދު މެންދުރު ފަހު 1:30 ގައި ކަމަށެވެ. މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ މަސްރަހު ހޫނުވެފައި ވަނިކޮށް ރައީސް ވަނީ ރޭ ކުއްލި ހާލަތު އިއުލާން ކުރައްވާ ގިނަ ހައްގުތަކެއް ހިފަހައްޓާފަ އެވެ. އޭގެ ފަހުން ސިފައިން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުން ވަނީ ރައީސް މައުމޫނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދު ހުސައިން ވެސް ހައްޔަރުކޮށްފައެވެ.

ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވާއިރު ފެބުރުއަރީ 1 ގެ އަމުރަށް ފަހު ފެބުރުއަރީ ދެވަނަ ދުވަހު ރައީސް ވަނީ ޕީޕީއެމްގެ އެއްވުމުގެ ތެރެއަށް ނުކުމެ ވަޑައިގެން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެ ދުވަހު ރައީސް ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅިގެން ވަރަށް ގިނަ ވާހަކަ ދައްކަވާފައެވެ.