ރިޕޯޓް

އެމްޑީޕީ މިލިޓަންޓްވުން ގޯސް، އެޕާޓީ ފުނޑާލުން މާ ގޯސް!

May 10, 2015
8

ރާއްޖޭގެ ސިޔާސީ ނިޒާމަކީ ސިޔާސީ ޕާޓީތަކާއެކު ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ނިޒާމެވެ. ވާދަވެރި ސިޔާސީ ހަރަކާތުގައި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީއެކެވެ. ސިޔާސީ ހަރަކާތުގައި އެމްޑީޕީ "ކުޑަ" ވެފައި އޮތުމަށް ނުވަތަ "ޕެރަލައިޒް" ކޮށްލާފައި ބާއްވަން އުފާވާ މީހުނާއި ސިޔާސީ ލީޑަރުން ތިބޭނެ އެވެ. އެކަމަކު އެއީއަކީ ރާއްޖެއަށް އޮތް ހެވެއް ނޫނެވެ. އިދިކޮޅު މައި ޕާޓީގެ ގޮތުގައި އެމްޑީޕީން އަދާ ކުރަންޖެހޭ ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގެ ޒިންމާދާރު މަސައްކަތް ނުހިނގާ ކަމަށް ވަންޏާ އެއީ ރާއްޖޭގައި އޮތް ނިޒާމުގެ ތެރެއިން ގެއްލުންތަކެއް ރާއްޖެއަށް ކޮށްފާނެ ކަމެކެވެ. އެމްޑީޕީ، އަމާޒު ގެއްލިފައި އޮވެގެނެއް ނުވާނެ އެވެ.

މިދިއަ ހަފުތާގެ ތެރޭ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައި ވަނީ "ރާއްޖޭގައި ޑިމޮކްރަސީގެ އޮތީ ނުރައްކަލުގެ ތެރޭގައި" ކަމަށެވެ.

ހަގީގަތުގައި ރާއްޖޭގައި އަދިވެސް އޮތީއަކީ ފައްކާވެފައިވާ ޑިމޮކްރަސީއެއް ނޫނެވެ. ރާއްޖޭގައި އޮތީ ތަޖުރިބާ ކުރަމުން އަންނަ ޑިމޮކްރަސީއެކެވެ. ގައުމެއްގެ ހަޔާތުގައި ޑިމޮކްރަސީ ތަޖުރިބާ ކުރާ މަރުހަލާ ހިމެނޭ އަހަރުތަކުގައި ވޭން އަޅައި އެތައް ބޮނޑިއެއް ތަޖުރިބާ ކުރުމަކީ ގައުމުތަކުން ކޮށްފައިވާ ތަޖުރިބާއެކެވެ. އެ މަރުހަލާތަކުގައި ނިޒާމު ފޭލިވެގެން ދިއުމަކީ އެއް ވެސް ގައުމަކަށް އޮތް ހެވެއް ނޫނެވެ.

ކެރީގެ ވާހަކަ އެ މޭރުމުން ގެންނަވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައި ވާތީ އެކަމާ ގުޅުވަ އެވެ.  ވިދާޅުވެ އެވެ: "ރާއްޖޭގެ ޑިމޮކްރަސީ ނުރައްކަލުގެ ތެރޭގައި އޮތް ކަމުގެ ނިޝާންތައް އެބަ ފެނޭ،"

ގާނޫނު ބުނާ ގޮތުން މިހާރު އެމްޑީޕީގެ ރައީސްކަން ވެސް ގެއްލިފައިވާ ނަޝީދުގެ މައްސަލައަކީ ދެކޮޅަށް ވާހަކަ ދެކެވިދާނެ މައްސަލައެކެވެ. އެއީ މުޅިން ތަފާތު ވާހަކަ އެކެވެ.

ރައީސް ނަޝީދު ހުންނެވިޔަސް ނެތަސް، ރައީސް މައުމޫން ހުންނެވިޔަސް ނެތަސް، މިއޮތް ނިޒާމާއެކު ކުރިޔަށް ދަންޏާ ރާއްޖޭގައި ވާދަވެރި ސިޔާސީ ހަރަކާތް ހިނގަން ޖެހޭނެ އެވެ. އެކަން ކުރުމަށް ވާދަވެރި ފަރާތްތަކަށް "ލެވެލް ޕިޗެއް" އޮންނާން ޖެހޭނެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލަހައްޓައިގެން ތިބި ބައެއް ދޮށީ ބޭފުޅުން ވިދާޅުވާ ގޮތުގައި "އެމްޑީޕީ ފުނޑާލުމުގެ ރޭވުމެއް" ކޮންމެވެސް ދިމާއަކުން ވަނީ ޕްލޮޓްކޮށްފަ އެވެ. ބައެއް ބޭފުޅުން އެކަން ރައީސް މައުމޫނަށް ވެސް ތުހުމަތު ކުރެއެވެ. އެއީ ހަގީގަތަކަށްވާކަށް ލާޒިމެއް ނޫނެވެ.

"ޑީއާރްޕީގެ ޒަމާން ދުއްވާލި ގޮތަށް އެމްޑީޕީ ފުނޑާލުމުގެ ރޭވުމެއް އުޅޭ ކަމުގެ ނިޝާންތައް ފާޅުވަމުން މިދަނީ. މި ތުހުމަތުތައް އެކި ދިމާއަށް ކުރޭ. އޭގެ ތެރެއިން އެއް ބޭފުޅެއް ރައީސް މައުމޫނަކީ،" ސިޔާސީ ދާއިރާގައި ކުރިން މަޝްހޫރު ކަމެއް ހޯދެއްވި ބޭފުޅަކު ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވީި ނަން ޖަހައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވެ އެވެ.

ބަޔަކު މީހުން ރާވައިގެން ޢަދަލާތު ޕާޓީގެ ރައީސް އަދި ސިޔާސީ ގޮތުން ޅަ، ޢިމްރާން ޢަބްދުﷲ އިސް ސަފަށް ލައިގެން އެމްޑީޕީ "ހަލާކުކޮށްލަން" އުޅޭ ކަމުގެ ތުހުމަތުތައް އެމްޑީޕީން ބޭރުކޮށް ސިޔާސީ ގޮތުން "މަގުމަތި" ކޮށްލާފައިވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވެސް މަޖިލީހުގެ ޖަލްސާތަކުގައި ތަފާތު އެކި ފަހަރުމަތީން ވަނީ ކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މޫސަ ތަކުރާރުކޮށް އެ ވާހަކަތައް ވިދާޅުވެފައިވާއިރު ވަރަށް ގިނަ ފަހަރު ވިދާޅުވެފައި ވަނީ "އެމްޑީޕީން ސިޔާސީ މައިދާނުގައި ހޯދި ހުރިހާ ކާމިޔާބީއެއް ގެއްލުމުގެ އަސްލަކީ ޢިމްރާނާއި ގާސިމް އިބްރާހީމް" ކަމަށެވެ.

"އެބޭފުޅުން ގުޅިގެން އުފެއްދި ވެރިކަމަކަށް ދޮޅު އަހަރުވީ ތަނާހެން ނުކުމެ މި އުޅެނީ ކޮންކަމެއް ނުވެގެންތޯ؟ މި އޮތް ކަނޑު ހިބަކޮށްފައި ލިޔެފައި ނުދީގެންތޯ؟ އަޅުގަނޑު ދަންނަވާނީ ޢިމްރާންމެންގެ ސަބަބުންނޭ އަޅުގަނޑުމެންގެ ގައިން ލޭ އޮހޮރި އެތައް ދުވަހެއް މަގުމަތީގައި އުޅެން ޖެހުނީ. މިފަދަ ބަޔަކު އެމްޑީޕީއަކަށް ހެވެއް ނޭދޭނެ،" މޫސަ ވިދާޅުވި އެވެ.

މިފަދައިން ތުހުމަތު ކުރާ ބައެއް މީހުން ބުނާ ގޮތުގައި ޢިމްރާއިނާއި ގާސިމް ފަދަ ބޭފުޅުންނަކީ ރައީސް މައުމޫނުގެ ސިޔާސީ ރޭވުމަކުން އެމްޑީޕީގެ ތެރެއަށް ދޫކޮށްލާފައިވާ "ސިޔާސީ ވައިރަހެ" ކެވެ. އޭގެ ބޭނުމަކީ ރައީސް ޔާމީނަށް ފަހު އަނެއްކާވެސް ރައީސް މައުމޫން ބޭނުންފުޅުވާ ދިމާއަކަށް ވެރިކަން ފުރޮޅައިލުމަށްޓަކައި ސިޔާސީ ގޮތުން އަމާން ދަނޑެއް ކޮށާފައި ބޭއްވުމެވެ. އެމްޑީ ރޫޅާލައި ބައިބަައިކޮށްލެވިއްޖެނަމަ ރައީސް މައުމޫނުގެ ސިޔާސީ ގޭމް ޕްލޭންގެ މައްޗަށް ގަދަވެގަންނަން ފަސޭހަ ނުވާނެ ކަމަށް ބަލައިގެންނެވެ.

އެމްޑީޕީގެ ތެރޭގައި ވެސް އެޕާޓީ "ކުޑަކޮށްލަން"  ބޭނުންވެފައި ތިބި ބަޔަކު މަސައްކަތް ކުރާ ކަމަށް ބައެއް މީހުން ބުނެ އެވެ. އެފަދަ ބައެއް މީހުން އެ ތުހުމަތުތައް ޕާޓީގެ ތެރޭގައި ތިބި ރައީސް މުޙައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުންގެ ބޮލުގައި އަޅުވަ އެވެ. އެހެން ވާކަށް ވެސް ލާޒިމެއް ނޫނެވެ.

"ރައީސް ނަޝީދު ނެތިއްޔާ ޕާޓީއެއް ވެސް ލީޑަޝިޕެއް ވެސް އެމީހުން ބޭނުމެއް ނުވޭ. ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލުން ފިޔަވައި އެއްވެސް ސިޔާސީ ރޭވުމެއް ވެސް ހަރަކާތެއް ވެސް އެމީހުންގެ ނެތް. މާނައަކީ އެމީހުން ބޭނުމެއް ނުވެއޭ މައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައީސް ނަޝީދާ ނުލައި އެމްޑީޕީ އޮންނާކަށް. އެހެން ލީޑަޝިޕަކަށް ޖާގައެއް ނެތް ކަމަށް އަމަލުން އެއޮތް ދައްކަނީ، އެކަމުގައި ތިބީ ނަޝީދުގެ ވަފާތެރިން،" ނަން ނުޖެހުމަށް ކުރި އެދި ވަޑައިގެންނެވި ބޭފުޅާ ވިދާޅުވި އެވެ. "ރައީސް [ނަޝީދު] އެހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި. ގާނޫނަކުން އެމަނިކުފާނަށް އެވަނީ ޕާޓީގެ ރައީސްކަން ގެއްލިފައި. އެކަން ކަމާ ގުޅިގެން ވެސް ޕާޓީގެ ރޭވުންތެރި ކަމެއް ނާދޭ. އަދި ބުނަނީ އެމްޑީޕީގެ ރައީސަކީ ވެސް ނަޝީދޭ ރިޔާސީ ކެންޑިޑޭޓަކީ ވެސް ނަޝީދޭ، ހުރިހާ އެއްޗަކީ ވެސްއެއޭ، މީގެ ނަތީޖާއަކަށްވާނީ އެމްޑީޕީ ދުއްވާލަން ބޭނުންވެފައި ތިބި މީހުންނަށް ފުރުސަތު ލިބިގެން ދިއުން،"

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފުނިޖެހިފައިވާ މިއޮތް ހުރިހާ ކަމެއްގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން "ދެމިގަނެގެން" ކުރިޔަށް ވަޑައިގަންނަވާތަން ފެނެ އެވެ. ބޭކާރު ވާހަކަ ގިނަ ނުކުރައްވަ އެވެ. މިއިން ދުވަހަކުވެސް އެމަނިކުފާނު ސިޔާސީ އުކުޅުތަކުގެ ޓްރެކުން ބޭރުވެ ވަޑައިގަތީ ޢިމްރާން މައްސަލައިގަ އެވެ. އެކަމާ ގުޅިގެން ފެނުނީ ތަންކޮޅެއް ވާހަކަ ގިނަވި މަންޒަރެވެ.

އަނެއްކޮޅުން ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލުން ފިޔަވައި އެހެން ކަމެއް އެމްޑީޕީން ކުރާ މަންޒަރެއް ނުފެންނަ އިރު ސިޔާސީ ގޮތުން އޭގެ ފައިދާ ޔާމީން ގެންދަވަނީ ނަންގަވަމުންނެވެ.

އެމްޑީޕީއަކީ ދިވެހި ދައުލަތުގެވެސް ޝަޚްސެކެވެ. އެއީއަކީ ހަމައަކަނި ރައީސް ނަޝީދެއް ނޫނެވެ. އެމްޑީޕީއަކީ އެތަކެއް ހާސް މީހުން ތަމްސީލް ކުރާ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. އެޕާޓީގެ ގައުމީ އެކިވަރުގެ ގުވަންތައް އެބަހުއްޓެވެ. ކޮމެޓީތައް އެބަހުއްޓެވެ. ޕާޓީގެ ރައީސް "ގެއްލި" ޗެއާޕާސަން ހައްޔަރުވީމާ ދެން ކުރިޔަށް ޖެހިލަންޖެހޭ ސަފެެއް ވެސް އިންތިޚާބުކޮށްފައި އެބައޮތެވެ. "މިލިޓަންޓް" ޖަމާއަތެއްގެ ސިފަ ޖައްސައިގެން ރެބްލް ހަރަކާތްތަކުގެ ތެރޭ، އަބަދު މަގުމަތީ އެމްޑީޕީ އޮންނާން ވެއްޖެނަމަ އެމްޑީޕީގެ "ފުނޑާލާކަށް" އަހަރު ތަކެއް ބޭނުމެއް ނުވާނެ އެވެ. ރައީސް ޔާމީންގެ ސިޔާސީ ރޭވުންތެރި ކަމަށް ބަލާއިރު އެމަނިކުފާނުގެ ސިޔާސީ ޓީމަށް އެއީ ވަރަށް ފަސޭހަ ވެސް ކަމެވެ. އެހެން ހައްދަވާނެއެކޭއެއް ނޫނެވެ.

ހަގީގަތުގައި މިއީ އެމްޑީޕީގެ ރޭވުންތެރިކަން އިސްކޮށް ސިޔާސީ ހަރަކާތް ރިވިއު ކުރަންޖެހޭ ދަނޑިވަޅެކެވެ. މި ދަނޑިވަޅުގެ ބޭނުން ނުހިފައި ވަގުތު ނަގާލައިފިނަމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީ ޕެރެލައިޒް ވެފައި އޮންނަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.

"ގާނޫނު އަސާސީ ހިމާޔަތް ކުރަން" އެ ނަމުގައި ފެށުނު ހަރަކާތުގެ ތެރެއަށް ބައިވަރު ކަންކަން ވަދެގެން އައެވެ. އެއީ ހަގީގަތެކެވެ. އޭގެ މާނައަކީ އެމްޑީޕީގެ ހުރިހާ ރޭވުންތެރިކަމެއް ދޫކޮށްލައި އަބަދު މަގުމަތީގައި އޮތުމެއް ނޫނެވެ. ވާދަވެރި ސިޔާސީ ހަރަކާތަކީ މުޒާހަރާ ކުރުން އެކަންޏެއް ވެސް ނޫނެވެ. ކުށްވެރިން ދޫކޮށްލަން އެދުން ފިޔަވައި ބުރަދަން ހުރި ސިޔާސީ ކަންކަމުގައި މަޝްވަރާ ކުރަން ފުރުސަތު އޮތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. މި ވަގުތަކީ އެމްޑީޕީގެ މިސްރާބު ބަދަލުކޮށް މަޝްވަރާގެ ތެރެއަށް ވަދެ ރޭވުންތެރިކަން އިސްކުރަންވީ ވަގުތެކެވެ.

ރައީސް ޔާމީންގެ ފޮރިން ރިލޭޝަން ބިނާ ކޮށްފައިވަނީ ރައީސް މައުމޫން ވެސް ހިންގެވި މަގުންނެވެ. އެއީ "ޖިއޯ ޕޮލިިޓިކްސް" ގައި ރާއްޖެއަށް މުހިންމު ސިޔާސީ ޓޫލެކެވެ. ރައީސް ނަޝީދުގެ ފޭލިއާއަކީ ވެސް އެ ޓޫލް ބޭނުން ކުރައްވަން އެނގި ވަޑައި ނުގަތުމެވެ. އެއާ ހިލާފަށް އޭގެ ބޭނުން ރައީސް ޔާމީން ވަރަށް ރަނގަޅަށް ހިއްޕަވަމުން ގެންދަވާއިރު ސިޔާސީ ގޮތުން އެމަނިކުފާނުގެ ރޭވުންތެރިކަން ވެސް ފެންނަނީ އިދިކޮޅަށް ވުރެ ބޮޑުތަނުން ސްމާޓް ކޮށެވެ.

"މި ރައީސް [ޔާމީން] ވިސްނަވަން ފައްޓަވަނީ ވެސް އެ މީހާ [ރައީސް ނަޝީދު، އެމްޑީޕީ] ގެ ހުރިހާ ވިސްނުމެއް ނިމޭ ފަހުން. އެހެންވީމާ މިކަހަލަ ދަނޑިވަޅެއްގައ މިފަދަ ރައީސަކު ހުންނަވަނިކޮށް އެމްޑީޕީން މިލިޓަންޓް ވެގަނެގެން އުޅޭކަމަށް ވަންޏާ ހަން ދިއުން ނޫން ކަމެއް ނުވާނެ،" އެމްޑީޕީގެ ތެރޭގައި ވެސް އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން އުހަށް ދާން ބޫޓް އޮފް ކޮށްގެން ތިއްބެވި ބޭފުޅުން ތިބީ ފުރުސަތަކަށް ބަލައިގެނެވެ. އެފަދަ ބައެއް ބޭފުޅުންނަށް ޖާގަ ހަދައިދޭން ތިއްބެވި ސިޔާސީ ގޮތުން ދޮށީ މީހުންް ވެސް އެބަތިއްބެވެ. އެ ޖާހަގަ ހޯދޭނީ އެމްޑީޕީ ފޮތިފޮތި ކޮށްލައިގެން ކަމަށްވަންޏާ ސިޔާސީ މައިދާނުގައި ލީޑަރަކު އެފަދަ ކަމެއް ކުރާކަށް ފަހަތަކަށް ނުޖެހޭނެ އެވެ. އެއީ ޕޮލިޓިކްސްގެ ހަގީގަތެވެ.

މިއީ އަކީ ރައީސް މައުމޫނުގެ ވެރި ކަމުގެ ދުވަސްވަރުގައި އޮތް ސިޔާސީ މާހައުލެއް ނޫނެވެ. އޭރު ވަކި ކަމަށް ބޭނުންވެފައި އޮތް ޕޮޕިއުލަރިޓީއެއް ބޭނުން ކޮށްގެން މަގުމަތީގައި މިލިޓަންޓްވެގެން މުޒާހަރާ ކުރި "ކާޑް" ހިނގި އެވެ. އެއީ އެންމެން އެބަދަލަށް ބޭނުންވެފައި ތިބީމަ އެވެ. މިއަދު އެ ކާޑު ސިޔާސީ ގޮތުން އަލުން ވިއްކާކަށް ފަސޭހަ ނުވާނެ އެވެ. ސިޔާސީ ދަނޑުގައި ދީނީ އިލްމުވެރިންގެ ކާޑެއް ވެސް ދެނެއް ރާއްޖެއަކު ނުހިނގާނެ އެވެ. ސިޔާސީ ވިސްނުންތެރިކަން ކުރިޔަށް ނުނެރެފިނަމަ އެވެ.

އެހެން ކަމުން ނަތީޖާއަކަށްވާނީ ރައީސް ޔާމީން ވިދާޅުވާ ގޮތަށް އެމަނިކުފާނު މިހާރު ކުރިޔަށް ވަޑައިގަންނަވާ މަގުމަތިން ގައިގައި ޖެހޭނަމަ "ފޮޅާ"ލުމެވެ. ސިޔާސީ ދަނޑުގައި ޔާމީން އަތުނުވުމެވެ. ވީމާ ރޭވުންތެރި ކަމެއް ވެސް، މަޝްވަރާއެއް ވެސް ނެތި އެމްޑީޕީ މަގުމަތީގައި އޮންނާނީތޯ ނޫނީ ސިޔާސީ އާ ބުއްދިއެއް ފާޅު ކުރާނީތޯ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމަންޖެހޭ ކަމެކެެވެ. ރައީސް ޔާމީންގެ ސިޔާސީ ރޭވުން ބައްޓަން ކޮށްފައިވާ ގޮތުން ފެންނަނީ މަގުމަތީގައި ހުންނަ އެއްޗެހި ފައިދޮށުވާ ތަނެވެ.