ފަލަސްތީން

ތެޔޮ ނުލިބިގެން ޣައްޒާގެ ހޮސްޕިޓަލްތައް ބަންދުވަނީ

ޣައްޒާގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތް ދޭ އެހެން ތަންތަނަށް ވަގުތީ ގޮތުން ކަރަންޓް ދެމުން އައި ޖަނަރޭޓަރުތަކަށް އަޅަން ހުރި ތެޔޮ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހުސްވާނެ ކަމަށް އދ. އިން ބުނެފި އެވެ.

ޣައްޒާގެ ހާލަތު އެ ހިސާބަށް ދިއުމުން އދ. އިން އިއްޔެ ވަނީ އެރަށުގެ ރައްޔިތުންނަށް އެހީވާން ދުނިޔޭގެ ގައުމުތަކަށް ގޮވާލާފަ އެވެ.

ޣައްޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓްދޭ ޖަނަރޭޓަރުތަކަށް އަޅާނެ ތެޔޮ ނުލިބިގެން އުޅެނީ އެރަށް ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތާއި ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނު މީހުންގެ ސަރުކާރާ ދެމެދު އަރައިރުން ބޮޑުވެގެންނެވެ.

ޣައްޒާގައި ހަމާސްއިން ގާއިމްކޮށްގެން އުޅޭ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގިދުރާ އާ ހަވާލާދީ ރޮއިޓާސް ބުނީ އެރަށުގައިވާ 13 ހޮސްޕިޓަލުގެ ތެރެއިން ތިން ހޮސްޕިޓަލެއްގެ ޖަނަރޭޓަރުތައް މިހާރު ވެސް ނިވިފައިވާ ކަަމަށެވެ. އަދި ބުނީ އެރަށުގައިވާ 54 މެޑިކަލް ސެންޓަރުގެ ތެރެއިން 14 ސެންޓަރެއްގެ ޖަނަަރޭޓަރުތައް ވެސް ނިވިފައިވާ ކަމަށެވެ. އަޝްރަފް އަލް ގިދުރާ ވިދާޅުވެގައި ވަނީ ކަރަންޓް ކެނޑިފައިިވާ ތަންތަނަށްދާ މީހުން އެހެން ހޮސްޕިޓަލްތަކަށް ފޮނުވަނުމުން ގެންދާ ކަމަށެވެ.

ޣައްޒާގައި ދިރިއުޅޭ ދެ މިލިޔަން މީހުންނަށް ކަރަންޓްގެ ހިދުމަތް ލިބެނީ ދުވާލަކު ހައެއް ނުވަތަ ހަތަރުު ގަޑިއިރުއެވެ. އެެހެންވެ، އެރަށުގެ ހޮސްޕިޓަލްތަަކަށް ކަރަންޓް ދެމުން އައީ ކުއްލި ހާލަތުގައި ކަރަންޓް ދޭން ބޭނުންކުރާ ޖަަނަރޭޓަރުތަަކަކުންނެވެ.

ހުޅަނގު އައްސޭރިގައިވާ ފަލަސްތީނު މީހުންގެ ސަރުކާރުންް ބުނެގައި ވަނީ ޣަައްޒާއަށް ތެޔޮ ނުފޮނުވަނީ އެރަށުގައި ބޭސް ވިއްކައިގެން ލިބޭ ފައިސާ ހަމާސް އިން ސަރުކާރަށް ނުފޮނުވާތީ ކަމަށެވެ. ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ ގަންނަނީ އެ ފައިސާއިން ކަމަށް ވެސް ބުންޏެވެ.