އިންޑިއާ

ނިއުކްލިއަ ވޯހެޑް އުފުލޭ މިސައިލެއް އިންޑިއާއިން ޓެސްޓްކޮށްފި

ނިއުކްލިއަ ވޯހެޑް އުފުލޭ ގޮތަށް އުފައްދާގައިވާ ބެލިސްޓިކް މިސައިލެއް އިންޑިއާއިންް މިދިއަ އަންގާރަ ދުވަހު ޓެސްޓްކޮށްްފި އެވެ.

އިންޑިއާ އަސްކަރިއްޔާއާ ހަވާލާދީ "ދަ ހިންދޫ" ނޫހުން ބުނީ އަގްނީ-1 މަރުކާގެ އެ މިސައިލް ޓެސްޓް ކުރުމަށް އުދުއްސައިލީ އޮޑިއްސާގެ އައްސޭރީގައިވާ އަބުދުލް ކަލާމް އައިލެންޑް ނަމަކަށް ކިޔާ ރަށުގައިވާ އިންޓަގްރޭޓެޑް ޓެސްޓް ރޭންޖުން ކަމަށެވެ.

އިންޑިއާއިން މިފަހަރު ޓެސްޓް ކުރީ 700 ކިލޯ މީޓަރުގެ ރާސްތާއަކަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ބަރުދަނުގައި 12 ޓަނު، އަދި ދިގު މިނުގައި 15 މީޓަރު ހުންނަ މިސައިލެކެވެ. އޭގައި އެއް ޓަނުގެ ބުރަދަން ހުންނަ ވޯހެޑެއް އުފުލެއެވެ.

އެހެން ގައުމެއްގެ އެހީތެރިކަން ނުހޯދައި އިންޑިއާގެ ސައިންސްވެރިން އުފައްދަމުން އަންނަ އަގްނީ-1 މަރުކާގެ މިސައިލެއް އެންމެ ފަހުން ޓެސްޓް ކޮށްފައި ވަނީ ނޮވެމްބަރު 23، 2016 އިގަ އެވެ. މިފަހަރު ޓެސްޓް ކުރީ އޭގެ 18 ވަނަ މިސައިލެވެ. އިންޑިއާ އަސްކަރިއްޔާއިން ބުނީ މި ފަހަރުގެ ޓެސްޓް ވެސް ކާމިޔާބު ކަމަށެވެ. އެގޮތުން އަމާޒު ކުރި ވަރުގެ ދުރުމިނަށް މިސައިލް ދަތުރުކުރި ކަމަށް ބުންޏެވެ.

މިފަހަރުގެ މިސައިލްގައިވާ ހާއްސަ ކަންތައްތަކުގެ ތެރޭގައި އަމާޒަށް ވާސިލުކޮށްދޭ ހާއްސަ ނެވިގޭޝަން ސިސްޓަމެއް ހިމެެނެ އެވެ.

އިންޑިއާއިންް މިސައިލެއް ޓެސްޓްކޮށްފައި ވަނީ ކުރިން ކުރި އެފަދަ ޓެސްޓަކާ ގުޅިގެން ޗައިނާއިން ހިތްހަމަ ނުޖެހިފައި ވަނިކޮށެވެ. ސަރަހައްދީ ރޮނގުގެ މައްސަލައަކާ ހެދި ވެސް އެ ދެ ގައުމުގެ ދެމެދުގައި މިދިޔަ އަހަރު ބޮޑު އަރައިރުމެއް ހިނގިއެވެ.