ދިވެހި ސިނަމާ

އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ ފޯރިގަދަވެ މުއްދަތު އިތުރުކޮށްފި

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ފެށުމާ އެކު މި މުބާރާތުގެ ފޯރި ނިކަން ގަދަކޮށްލާފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

އެންސީއޭ އިން އިސް ނަގައިގެން ޓީވީއެމްއާ ގުޅިގެން މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ރޭތަކަށް ބަހާލައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ޑްރާމާ އަށް 50،000ރ. ވަނީ ހުށަހަޅައިފަ އެވެ.

މި މުބާރާތަކީ އެއް ލައްކަ ރުފިޔާގެ އިނާމު ކަނޑައެޅިފައިވާ މުބާރާތެކެވެ.

އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަދި މި މުބާރާތް އަލުން ވުޖޫދަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ފިލްމީ ތަރި، އަބްދުﷲ މުއާޒު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް އޮފީސްތަކަށް ހުޅުވާލި ފުރުސަތު މިދިޔަ އާދީއްތަ ދުވަހަށް ހަމަވެފައިވާއިރު އަދިވެސް މުބާރާތުގައި ބައިވެރިވުމަށް ގިނަ އޮފީސްތަކަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށް އިތުރު އޮފީސްތަކަށް ފުރުސަތު ދޭން ނިންމާފައި ވަނީ އެހެންވެގެން ކަމަށެވެ.

"ވަރަށް ގިނަ އޮފީސްތަކުން ވަނީ ރެސްޕޮންޑްކޮށްފައި މި މުބާރާތަށް. އެކަމަކު ބައެއް މީހުން އެދުނީ ލިބުނު ވަގުތު ކުޑަކަމުން އިތުރު ވަގުތު ދޭން އެމީހުން އެންމެ ރަނގަޅަށް މިކަމަށް ތައްޔާރުވުމަށް. އެގޮތަށް އެދުނު ފަރާތްތަކަށް އަޅުގަނޑުމެން ވާނީ މިހާރު މުއްދަތު އިތުރުކޮށްދީފައި،" މުއާޒު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް ގިނަ އޮފީސްތަކެއް ޝައުގުވެރިވިޔަސް ފުރުސަތު ދޭން ހަމަޖައްސާފައި ވަނީ 10 އޮފީހަށް ކަމަށެވެ. ނަމަވެސް މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ އަދަދު ވަނީ އެއަށް ވުރެ ވެސް މައްޗަށް އަރައިފަ އެވެ.

"މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އޮފީސްތަކުގެ އަދަދު މިހާރު ވެސް އެބަ އަރާ 11-12 އަށް. އެހެންވީމަ ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރުވާ ނަމަ މުބާރާތުން އޮފީސްތަކަށް ފުރުސަތު ދޭނީ ގުރުވަތު ނަގައިގެން،" މުއާޒު ވިދާޅުވި އެވެ.

"އެއީ ވީހާ ވެސް ހަމަހަމަ ފުރުސަތުތަކެއް އެންމެނަށް ދިނުމަށް."

ގާތްގަނޑަކަށް 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އެނބުރި އަންނައިރު މުބާރާތުގެ އޮނިގަނޑަށް ވެސް ވަނީ ބަދަލުތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ކުރިން 35 މިނެޓްގެ ދިގު މިނަށް އުފެއްދި ޑްރާމާ 25 މިނެޓަށް ކުރުކޮށްފައިވާއިރު މުބާރާތުގައި ބައިވެރިވާ އޮފީސްތަކަށް ޕްރޮޑަކްޝަން ބަޖެޓެއްގެ ގޮތުގައި 10،000ރ. ވެސް ފޯރުކޮށްދޭނެ އެވެ.

"މި ވަރުގެ ބަޖެޓަކުން 25 މިނެޓުގެ ޑްރާމާއެއް ހެދިވެސް ދާނެ. އަދި ނުހެދި ވެސް ދާނެ. އެއް ލައްކަ ރުފިޔާ އިން ވެސް ޑްރާމާއެއް ހެދިދާނެ. 5000ރ. އިން ވެސް ޑްރާމާއެއް ހެދިދާނެ،" މުއާޒު ވިދާޅުވި އެވެ.

"އެކަމަކު މީގައި ކުރާ ޚަރަދަށް ވުރެ މުހިންމު ވަނީ މި މަސައްކަތަށް ދޭ ޝައުގުވެރިކަން."