ސިވިލްސާވިސް ކޮމިޝަން

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކޮށްފި

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރި ގޮތުގެ ތަފްސީލްތައް ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ. މި މަހުން ފެށިގެން ސަރުކާރު މުވައްޒަފުންނަށް ލިބޭނީ ބޮޑު މުސާރަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މި އަހަރުގެ ބަޖެޓްގައި 234 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވަނީ މުސާރަ ބޮޑުވާނެ މުވައްޒަފުންގެ ރޭކްތަކާއި ލިބޭނެ އިނާޔަތްތަކެވެ. އެގޮތުން، އާ އިނާތްތައް ދޭން ނިންމާފައިވަނީ، ސިވިލް ސާވިސްގެ ޓެކްނިކަލް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މަސައްކަތަށް އެހީތެރިކަންދޭ އިދާރީ މުވައްޒަފުންނާއި ސަޕޯޓް ސާވިސް މުވައްޒަފުންނަށެވެ.

ދޭން ނިންމާފައިވާ އިނާޔަތްތައް:

ޓެކްނިކަލް ކޯ އެލަވެންސް

ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން "ޓެކްނިކަލް ކޯ އެލަވެންސް"ގެ މަގާމުތައް ކަމަށް ކަނޑައަޅާ މަގާމުތަކުގައި މަސައްކަތްކުރާ ޝަރުތު ހަމަވާ މުވައްޒަފުންނަށް އަދާކުރާ މުގާމުގެ މުސާރައިގެ އަސާސީ މުސާރައިގެ 28 ޕަސެންޓްގެ އެލެވެންސެއް ދޭނެ އެވެ.

ސަޕޯޓިން ކޯ އެލަވެންސް 1

ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން "ސަޕޯޓް ސާވިސް (އެސްއސް ރޭންކް)"ގެ މަގާމުތަކުގަ ތިބި މުވައްޒަފުންނަށް 1200 ރުފިޔާގެ އެލަވެންސްއެއް "ސަޕޯޓިން ކޯ އެލަވެންސް 1"ގެ ނަމުގަ ދޭން ވަނީ ހަމަޖައްސާފަ އެވެ.

ސަޕޯޓިން ކޯ އެލަވެންސް 2

ސިވިލް ސާވިސްގެ ޖެނަރަލް ސާވިސް (ޖީއެސް ރޭންކް)އިން ފެށިގެން މަތީގެ ރޭންކްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ޓެކްނިކަލް ކޯގައި ނުހިމެނޭ މަގާމުތަކުގައި ތިބި މުވައްޒަފުންނާއި ސިވިލް ސާވިސްގެ ޓެކްނިކަލް ކޯގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން "ޓެކްނިކަލް ކޯ އެލަވެންސް" ދިނުމަށް ކަނޑައަޅާ ޝަރުތު ހަމަނުވާ މުވައްޒަފުންނަށް "ސަޕޯޓިން ކޯ އެލަވެންސް 2" ދޭން ވަނީ ހަމަޖައްސާފަ އެވެ.

މި އެލަވެންސް ދޭން ނިންމާފައިވާ ގޮތް:

  • ޑިރެލްޓާ ޖެނަރަލް - 1500 ރުފިޔާ
  • ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް - 1300 ރުފިޔާ
  • ޑިރެކްޓާ/އެގްޒެކެޓިވް/މެނޭޖާ - 1100 ރުފިޔާ
  • ޑެޕިއުޓީ ޑިރެކްޓާ / ސީނިއާ ޓެކްނިކަލް އޮފިސަރު ގްރޭޑް 2 - 900 ރުފިޔާ
  • އެސިސްޓެންޓް ޑިރެކްޓާ/ ސީނިއާ ޓެކްނިކަލް އޮފިސާ ގްރޭޑް 1 900 ރުފިޔާ
  • ސީނިއާ އޮފިސާ ގްރޭޑް 2/ ޓެކްނިކަލް އޮފިސާ ގްރޭޑް 2 - 900 ރުފިޔާ
  • ސީނިއާ އޮފިސާ ގްރޭޑް 1/ ޓެކްނިކަލް އޮފިސާ ގްރޭޑް 1 - 700 ރުފިޔާ
  • އޮފިސާ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސާ ގްރޭޑް 2 - 700 ރުފިޔާ
  • އޮފިސާ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސާ ގްރޭޑް 1 - 700 ރުފިޔާ
  • އެސިސްޓެންޓް އޮފިސާ ގްރޭޑް 1 އަދި 2 - 700 ރުފިޔާ

އަލަށް ތައާރަފްކުރި އެލަވެންސްތައް ނުލިބޭނެ މުވައްޒަފުން ވަނީ ކަނޑައަޅާފަ އެވެ. އެއީ، 2009 ވަނަ އަހަރުން ފެށިގެން ހާއްސަ އޮނިގަނޑެއް އެކުލަވާލައި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނެެސްފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުންނާއި ސިވިލް ސާވިސްގެ ކޮންޓްރެކްޓް މުވައްޒަފުންނާއި ސިވިލް ސާވިސްގެ ޒެޑްވީ7 ރޭންކްގައި ތިބި މުވައްޒަފުންނެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުކުރުމާ ގުޅޭ ގޮތުން، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ސިވިލް ސާވިސްގެ ތިން މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކަމަށެވެ.

"ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ ހާލު ރަނގަޅުވެގެން ދާނެ، ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވެގެން ދާނެ، އާ އަހަރު ފެށުމާއެކު މާސް ލަސްތަކެއް ނުވެ ސިވިލް ސާވިސް އާއި ފިނޭންސް މިނިސްޓްރީން ގިންތިތަކެއް ކަނޑައަޅާނެ، އެންމެ ދަށު ގިންތިތަކުގަ ތިބި މީހުން އެންމެ ކުޑަ މުސާރައިގަ ތިބި މީހުންގެ މުސާރަ ސަތޭއަކުން 37 ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ދެން ތިބި މުވައްޒަފުންނަށް 25 ޕަސެންޓްގެ ކުރިއެރުމަށް މުސާރައަށް ލިބިގެންދާނެކަން ވެސް ރައީސް ހާމަކުރެއްވި އެވެ.

ސަރުކާރު މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާ މިއީ އެންމެ މުސާރަ ކުޑަ އެއް ދާއިރާއެވެ. އަދި ނިސްބަތުން މުސާރައިގެ ބޮޑު ފަރަގެއް ވެސް އޮވެ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފުރިހަމަކޮށްފައި ތިބޭ މުވައްޒަފުންނަށެވެ. މިކަމުގެ ސަބަބުން ސަރުކާރު މުވައްޒަފުން ޝަކުވާ ވަނީ ބޮޑުވެފަ އެވެ.