1 ފެބުރުއަރީގެ އަމުރު

ރާއްޖޭގެ މައުލޫމާތުދޭން ރައީސްގެ މަންދޫބުން ބޭރަށް

ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުގެ މައުލޫމާތު ދެއްވަން ޗައިނާ އަށާއި ޕާކިސްތާނަށާއި ސައުދީ އަރަބިއްޔާއަށް ރައީސުލް ޖުމްހޫެރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު މަންދޫބުން ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި އެ ތިން ގައުމަށް ފޮނުއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށެވެ.

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ސައީިދު ވަޑައިގެންނެވީ ޗައިނާއަށެވެ. ފޮރިން މިނިސްޓަރު ޑރ. އާސިމް ވަޑައިގެންނެވީ ޕާކިސްތާނަށެވެ. ފިޝަރީޒް މިނިސްޓަރު ޝައިނީ ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއަށެވެ.

ސުޕްރީމްކޯޓުގެ 1 ފެބުރުއަރީގެ އަމުރާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތައް ވައްދައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުން ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ސުޕްރީމްކޯޓުގެ ބާރުތައް ނަގައިގެނެވެ.

އެކަންކަން ރާއްޖޭގައި ހިނގުމުން ދުނިޔޭގެ ބައެއް ގައުމުތަކުންނާއި އދ. އިން ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.