ހަބަރު

ގައުމަށް ނުރައްކާ މައުލޫމާތު ފަތުރާނަމަ ސިފައިން ފިޔަވަޅު އަޅާނެ

ރާއްޖޭގައި މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތާއި ހަބަރު ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ގައުމީ ސަލާމަތީ ބާރުން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އާންމުން ބިރުގަންނަ، ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ މައުލޫމާތާއި ކޮންޓެންޓް މީޑިއާއާ އެނޫންވެސް ފަރާތްތަކުން ފަތުރަމުންދާ ކަމަށެވެ. އަދި ވަގުތުން ދައްކާ ބައެއް ޕްރޮގްރާމްތަކުން އާންމުންގެ ހިތަށް ބިރުވެރިކަނަ ވައްދައި ގައުމުގެ އަމާންކަން ގެއްލޭގޮތަށް ޕްރޮގްރާމްތައް ދައްކާ ކަމަށެވެ. އެފަދަ ގޮތްގޮތަށް ޕްރޮގްރާމްތަކާއި މައުލޫމާތުތައް ފަތުރާނަމަ އިންޒާރުދިނުމެއް ނެތި އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެމްއެންޑީއެފުން ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް މައުލޫމާތާއި މަންޒަރު ފޮނުވާ ފަރާތްތަކަށް އެކަން އެގޮތަށް ކުރުން ހުއްޓާލުމުގެ އިންޒާރުދީފަ އެވެ.

" ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ގާނޫނީ ވާޖިބުތައް އަދާކުރުމަށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ މައުލޫމާތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ގައުމުގެ އަމަންއަމާންކަން ގެއްލޭފަދަ މައުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަސޭތްތެރިވެ އިންޒާރުދެމެވެ." އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މި "އުނދަގޫ" ދަނޑިވަޅުގައި ގައުމީ މަސްލަހަތު އިސްކުރަން އެމްއެންޑީއެފުން ވަނީ ގޮވާލާފަ އެވެ. އަދި ގައުމު ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ފަސްނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.ދި