ވިޔަފާރި

ތައިލެންޑުގައި ރާއްޖެ އިޝްތިހާރު ކުރުމުގައި މަޓާޓޯ

މެދު ފަންތީގެ ޓޫރިޒަމް މާކެޓެއް އޮންނަ، ތައިލެންޑުގެ މާކެޓަށް ހާއްސަކޮށްގެން ބާއްވާ، ޓޫރިޒަމް ފެއާއެއްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (މަޓާޓޯ) އިން ބައިވެރިވެއްޖެ އެވެ.

މަޓާޓޯއިން ބުނި ގޮތުގައި މިމަހުގެ 8-11 އަށް ބެންކޮކްގައި ކުރިއަށްދާ، ތައި އިންޓަނޭޝަނަލް ޓްރެވަލް ފެއާ (ޓީއައިޓީއެފް) ގައި ބައިވެރިވަމުންދާ ކަމަށެވެ.

ތައިލެންޑުގެ ކުއީން ސިކްރިތް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓުގައި ކުރިއަށްދާ މި ފެއާގައި 35 ގައުމަކުން 500 އަށްވުރެ ގިނަ މީހުން ބައިވެރިވެ އެވެ. އަދި މި ފެއާގައި ރާއްޖޭގެ 10 ކުންފުންޏަކުންވެސް ބައިވެރިވަމުންދާ ކަމަށް މަޓާޓޯއިން ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ހަތަރު ދުވަހަށް ކުރިއަށްދާ މި ފެއާއަށް ގިނަ ބަޔަކުދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މަޓާޓޯއިން ދަނީ މި އަހަރު ކޮންމެ ކަމެއްގައި ވެސް ޓޫރިޒަމް ޕްރޮމޯޓް ކުރަން އިވެންޓެއް ބާއްވަމުންނެވެ. މިގޮތުން އެންމެ ފަހުން އެ ޖަމިއްޔާ އިން ބައިވެރިވެފައިވަނީ އިންޑިޔާގެ ނިއުދިއްލީގައި އޮތް ސަޓޭ ފެއާގަ އެވެ.