ދިވެހި ސިނަމާ

އޮފީސްތަކުގެ ޑްރާމާ މުބާރާތް: ފިލްމީ ދާއިރާ ތާޒާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް

ދިވެހި ފިލްމު ބަލަން ވަރަށް ގިނަ ބަޔަކު ފޫހިވާ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ ތަކުރާރުކޮށް އެއް މޫނުތަކެއް މި ފިލްމުތަކުގެ ލީޑު ރޯލުތަކުން އަބަދުމެ ފެންނަ ފެންނުމެވެ. މާ ގިނަ ވައްތަރެއްގެ ރަހަތަކެއް ނެތް މި ފިލްމީދާއިރާ އިން އަބަދުމެ އެއް ފިލްމެއް ބެލޭ ކަމުގެ އިހްސާސްކުރެވި ފިލްމީ ދާއިރާގެ ތާޒާކަން ކެނޑި އާންމުންގެ ގިނަ ބަޔަކަށް ބާވެގެން ދިޔައީ މި ދެންނެވި މޫނުތައް ތާޒާނުވާ މައްސަލައާ ހެދި އެވެ.

ފިލްމު ކުޅޭނެ އާ އެކްޓަރުން ނުލިބުން ނުވަތަ އާންމުކޮށް ފެންނަ އެކްޓަރުންނަށް ވުރެ ހުނަރުގެ ގޮތުން މޮޅު އެހެން މޫނުތަކެއް މި ދާއިރާ އިން ނުފެނުން ވެފައި އޮތީ ހަގީގަތުގައި ވެސް ދިވެހި ފިލްމީ ދާއިރާގެ ބޮޑު ވެއްޓުމަކަށެވެ. މިސާލަކަށް އަހަރު ފަށައިގެން ނިމޭއިރަށް އޮލިމްޕަހުގައި ދައްކާ ފަސް ފިލްމު ނުވަތަ ހައެއްކަ ފިލްމުގައި ނިއުމާ މުހައްމަދު އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ނުވަތަ އަލީ ސީޒަން އާއި ނިއުމާ މުހައްމަދު ލީޑް ރޯލު ކުޅުނީމަ މި ދާއިރާ އާއި ދިވެހި ފިލްމުތައް މަތިން ފޫހިނުވާނީ ވެސް ދެން ކާކު ހެއްޔެވެ؟

އެހެންވީމަ ދެން އޮތް ވާހަކަ ފަށައިގަންނާނީ ނިކަމެތިވެފައި އޮތް ފިލްމީ ދާއިރާ އަށް "ޔަންގް އަދި ޓެލެންޓެޑް" ބްލަޑް އިންޖެކްޓްކުރުމަށް ޑާކް ރެއިން އެންޓަޓެއިންމަންޓުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރުމަށް ފަހު އެވެ. މިފަހުން އެ މީހުން ނެރުނު ދެ ފިލްމަކީ ވެސް ގިނަ އާ މޫނުތަކެއް މި ދާއިރާ އަށް ތައާރަފްކޮށްދިން ދެ ފިލްމެވެ. އެއީ "ހުޅުދާން" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އެވެ.

ފަހަރެއްގައި ނިއުމާމެން ޔޫއްޕެމެންގެ އެޕިސޯޑް ނިމުމަކަށް އައިސް އެހެން ބަޔަކު ފިލްމީ ދާއިރާގެ ތަހުތަށް އެރުމުގެ ވަގުތު ޖެހެނީ އެވެ. ފިލްމީ ދާއިރާ މިކަހަލަ ބަދަލަކަށް ދަތުރުފަށާފައި ވަނިކޮށް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ފެށުމަކީ ދައްކަމުން މިދާ ވާހަކައިގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ ކަމެކެވެ.

ފާހަގަކޮށްލަން ޖެހެނީ ވަޅު ޖެހިފައި އޮތް މި މުބާރާތް އެންސީއޭ އިން އަލުން ގެނެސްދިނުމުގެ މައިގަނޑު އަމާޒަކީ ވެސް ފިލްމީ ދާއިރާގެ ބާވެފައި އޮތް ލިބާސް އާކޮށްލުން ކަމެވެ. ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ކޮންމެ ދުވަހަކު ވެސް އަތްފުނާއަޅަމުން އެ ގެންދަނީ އެ މީހުންގެ ފިލްމުތަކުގައި ނިއުމާ އާއި ޔޫއްޕެގެ ބަދަލުގައި އެ ފެންވަރަށް ލީޑް ރޯލު ކުޅެވޭނެ އާ މޫނުތަކެއް ހޯދުމަށެވެ.

އެހެންވީމަ އިންތިޒާރުކުރަންވީ ކުރިއަށް އޮތް އޮފީސް ޓެލެ ޑްރާމާ މުބާރާތަށެވެ.

"މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ފިލްމީ ދާއިރާ އިން ފުރުސަތު ދެވޭ ފެންވަރުގެ އާ މޫނުތަކެއް ހޯދުން. އަޅުގަނޑުމެން މި ޑްރާމާތައް ޖަޖުކުރާއިރު ޓެކްނިކަލް ދާއިރާތަކަށް ހާއްސަ ވަނަތަކެއް ނެތި އެކްޓިން ކެޓަގަރީތަކަށް ވަނަތައް ކަނޑައަޅާފައި އޮތުމުގެ ބޭނުމަކީ ވެސް އެއީ،" މި މުބާރާތް އަލުން ފެށުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރެއް ކަމުގައިވާ އަބްދުﷲ މުއާޒު ވިދާޅުވެފައި ވަނީ މިހެންނެވެ.

އޭނާ ވިދާޅުވީ މި މުބާރާތް ވެގެންދާނެ ކަމަށް ގަބޫލުކުރަނީ ފިލްމީ ދާއިރާގައި ރަނގަޅުކުރަން ޖެހޭ މައްސަލަތަކުގެ ތެރެއިން މުހިންމު އެއް ކަމަކަށް ނަތީޖާތަކެއް ނެރެވޭ މުބާރާތަކަށް ކަމަށެވެ. އެއީ އާ މޫނުތަކެއް ފިލްމީ ދާއިރާ އަށް ވެއްދުމުގެ ވާހަކަ އެވެ.

"މި މުބާރާތުގައި ވާދަކޮށް ވަނަތައް ގެންދާ އެކްޓަރުން ބޭނުންކޮށްގެން ފީޗާ ފިލްމެއް އުފެއްދުމުގެ ވިސްނުން ވެސް އަޅުގަނޑުމެންގެ އެބައޮތް. އަޅުގަނޑުމެން ހޮވާނީ އެންމެ މޮޅު އެކްޓަރާއި އެކްޓްރެސް އަދި ސަޕޯޓިން އެކްޓަރާއި އެކްޓްރެސް އިން،" މުބާރާތުގައި ވާދަކުރާ ފަރާތްތަކަށް އޮތް ފުރުސަތުގެ ވާހަކަތައް ކިޔައިދެމުން މުއާޒު ވިދާޅުވި އެވެ.

އެކަމަކު މުއާޒު ވިދާޅުވީ މިފަދަ މުބާރާތެއް ބާއްވައިގެން އާ މޫނުތަކެއް ފިލްމީ ދާއިރާ އަށް ނެރެލުމަކުން އަދި މި ދާއިރާގެ ފަޅުކަން ފިލައިގެން ހިނގައިދާނެ ކަމަކަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.

"އާ މީހަކު ނެރެވިދާނެ ކޮންމެ ކަމަކަށް ވެސް. ރާއްޖޭގައި އެބަތިބި ހުނަރުގެ ގޮތުން ވަރަށް މޮޅު އާޓިސްޓުން. އެކަމަކު މީގައި އެންމެ މުހިންމީ އެގޮތަށް ތިބި ހުނަރުވެރިން ލައްވައި ދިގުދެމިގެންދާ ފަދަ ގޮތަކަށް މަސައްކަތްކުރެވޭނެ ނިޒާމެއް،" މުއާޒު ވިދާޅުވި އެވެ.

ފަހަރެއްގައި އޮފީސްތަކުގެ ޓެލެ ޑްރާމާ މުބާރާތް ވެގެންދާނީ ފިލްމު އެކަޑެމީ އާއި މި ދާއިރާގެ ތަމްރީން ހެދެން ނެތް މި ރާއްޖޭގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވޭ ސްކޫލަކަށެވެ.

އެނގެން އޮތް ހަގީގަތަކީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ މި މުބާރާތެއް ކުރިއަށް ގެންދިޔައިރު އަބަދުވެސް ނަތީޖާ ނެރެދިން މުބާރާތެއް ކަމެވެ. މި މުބާރާތް އަލުން އަންނަ ވާހަކައާ އެކު ފިލްމީ ދާއިރާއާ މެދު އާ އުއްމީދުތަކެއް ކުރެވެން ފަށާފައި ވަނީ ވެސް އެހެންވެގެންނެވެ.

ދިވެހި ފިލްމީ ދާއިރާގައި މިހާރު ވެސް އެ ތިބީ "އޮފީސްތަކުގެ ޓެލެޑްރާމާ ސްކޫލުން" ފިލްމު އުފެއްދުމާއި އެކްޓިން ކިޔަވައިގެން މި ދާއިރާ އަށް ނުކުމެފައިވާ ފަރާތްތަކެވެ. ކެމެރާގެ ފުރަގަހާއި ކުރިމަތިން ފެންނަން ތިބީ ވެސް ކުރިން އޮފީސް ޓެލެޑްރާމާތަކުން މަޝްހޫރުކަން ހޯދި ފަރާތްތަކެވެ.

މިސާލަކަށް އެންމެ މަޝްހޫރު ޑައިރެކްޓަރު އަދި ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަން އަބްދުލް ފައްތާހު އަކީ ވެސް އޮފީސް ޓެލެޑްރާމާ މުބާރާތުގެ ލެޖެންޑެކެވެ. މަޝްހޫރު އެހެން ޑައިރެކްޓަރުންނަށް ބަލާއިރު ކެރިއަރުގެ 50 ވަނަ ފިލްމުގެ މަސައްކަތް ނިންމަމުން އަންނަ އެފަދަ ދެ ވަނައެއް ނެތް އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ މި ދިގު ކެރިއަރު ފެށީ ވެސް އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުންނެވެ.

ޑައިރެކްޓަރުންނާއި ޓެކްނިކަލް ފަޅީގައި މަސައްކަތްކުރާ ގިނަ ބައެއްގެ އިތުރުން ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަކީ ވެސް އޮފީސް ޓެލެ-ޑްރާމާ މުބާރާތުގެ ފޮނި މޭވާއެކެވެ. މުހައްމަދު މަނިކަކީ ވެސް މި މުބާރާތުގެ ރަން ޒަމާނުގައި ދެއްކި ހުނަރާއި ހޯދި މަޝްހޫރުކަމާ އެކު ބޮޑު ސްކްރީނުން ޖާގަ ހޯދި އަދި މިހާރު ވެސް ފާހަގަކޮށްލެވޭ ކުޅަދާނަ އެކްޓަރެކެވެ.

މީގެ އިތުރުން ފިލްމީ ދާއިރާގައި މިހާރު އެންމެ ޑިމާންޑްބޮޑު، ފަހަރެއްގައި އިތުބާރުކުރެވެން ހުރި ހަމައެކަނި ސްކްރީންރައިޓަރު މަހުދީ އަހުމަދަކީ ވެސް ހަގީގަތުގައި ޓެލެ ޑްރާމާގެ ފޮނިމީރުކަމެކޭ ބުނުމަކުން ދޮގަކަށް ވާނެ ހެންނެއް ހީއެއް ނުވެ އެވެ. ފިލްމީ ދާއިރާގައި މިހާރު އޭނާ އެ ހުރި ހިސާބަށް އާދެވުމުގެ އަސްލު ގުޅިފައި ވަނީ ޔަގީނަށް ވެސް އޮފީސް ޓެލެ ޑްރާމާ މުބާރާތާ އެވެ.

ކޮންމެއަކަސް ފިލްމީ ދާއިރާ އަށް ބަލައިލުމުން ފެންނަން އޮތް ހަގީގަތަކީ އޮފީސްތަކުގެ ޓެލެ-ޑްރާމާ މުބާރާތުން ނަތީޖާ ނެރެދީފައިވާ ކަމެވެ. ބުނަން ޖެހެނީ ފިލްމީ ދާއިރާގައި ލޭހިނގަމުން ދިއުމުގެ އަސްލަކީ މިއީ ކަމަށެވެ.