ވިޔަފާރި

ކާނި ހޮޓެލްސްގެ އޮފީހެއް ބަލްގޭރިއާގައި ހުޅުވައިފި

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގައި ފުޅާކޮށް އިންވެސްޓްކޮށްފައިވާ ކާނި ހޮޓެލްސްގެ އޮފީހެއް ބަލްގޭރިއާގައި ހުޅުވައިފި އެވެ.

ކާނި ހޮޓެލްސްގެ ޗެއާމަން އަބްދުﷲ ނަޝީދު ވިދާޅުވީ ބަލްގޭރިޔާގެ، ސޯފިއާގައި އޮފީހެއް ހުޅުވީ އެ ސަރަހައްދަކީ ގިނަ ބަޔަކު ގެސްޓްހައުސްތަކަށް ދަތުރު ކުރާ ސަރަހައްދަކަށްވުމުން، ރާއްޖޭގެ ގެސްޓްހައުސް އިތުރަށް އެ ސަރަހައްދުގައި އިޝްތިހާރު ކުރުމަށް ކަމަށެވެ.

"އެ ދިމާއިން ގިނަ އަދަދެއްގެ މީހުން ގެސްޓްހައުސް މާކެޓަށް އާދޭ. ހާއްސަކޮށް ބަލްގޭރިއާ އާއި ސްކެންޑެނޭވިއާ ފަދަ ގައުމުތަކުން. އެހެންވެ އެ ސަރަހައްދުގައި އޮފީހެއް ހުޅުވީ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮފީސް ހުޅުވުމާއެކު ގިނަ ފެއާތަކެއްގައި ވެސް ބައިވެރިވާން ފަށާނެ ކަމަށެވެ. މިގޮތުން މިމަހުގެ 14 އިން 15 އަށް ސޯފިއާގައި އޮންނަ ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕުގައި ކާނީގެ އޮފީހެއް ހުޅުވުމާއެކު، އެ ކުންފުނީގެ ބިލްބޯޑްތައް ބަލްގޭރިއާގެ މަގުތަކުގައި ވެސް ދަނީ ބަހައްޓަމުންނެވެ. ރާއްޖޭގެ ޓޫރިޒަމް ފުޅާވަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮފީސްތައް ހިންގާތަން އަދި ވަރަށް ނުފެނެ އެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ކާނި ހޮޓަލުން ހަތަރު ގެސްޓްހައުސްއެއް ހިންގާއިރު، އެ ކުންފުނީގެ ކޮޓަރީގެ އަދަދު 220 އަށް އަހަރެ އެވެ.