ހަބަރު

ޝާހިދު ހައްޔަރުކުރަން ޕީޕީއެމްއިން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރު ކުރަން ޕީޕީއެމްއިން މިއަދު ގޮވާލައިފި އެވެ. އެ ޕާޓީގެ ނިއުސްކޮންފަރެންސެއްގައި އެހެން ގޮވާލެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ލައިވް ކުރި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ޝާހިދު ވަނީ ގައުމަށް "ގައްދާރު" ވެފައި ކަމަށެވެ. އެހެން އަދުރޭ ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖެ އެރުމަށް ޝާހިދު ގޮވާލައްވާފައިވާ ކަމަށް ވިދާޅުވެ އެވެ.

ރޭ ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެސް ޝާހިދަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. ޝާހިދު ބައިވެރިވަޑައިގަތް އެންޑީޓީވީގެ ބަހުސްއެއްގައި ރާއްޖެއަށް ސިފައިން ފޮނުވުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. ޝާހިދު އެ ބަހުސްގައި ވިދާޅުވެފައިވަނީ، އިންޑިއާގެ އެހީއަށް ރާއްޖެ ބޭނުންވާ ކަމަށެވެ. އެގޮތުން އަމަލީ ގޮތުން ރާއްޖޭގެ ކަންކަން ހައްލު ކުރުމަށް އިންޑިއާ ބައިވެރިވުމަކީ އުއްމީދެއް ކަމަށެވެ.

ޝާހިދު ވިދާޅުވެފައިވަނީ، އިންޑިއާގެ ވަފުދެއް ރާއްޖެ ވަޑައިގަތުމަކީ އެދޭ ކަމެއް ކަމަށާއި މިހާ ދުވަސްވީއިރު ވެސް އިންޑިއާއިން މަންދޫބެއް ވެސް ފޮނުވާފައި ނެތުމުން ކަންބޮޑުވާ ކަމަށެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖެ އެރުމަށް ޝާހިދު ތާއިދު ކުރެއްވި ވަގުތުން ފެށިގެން "ދިވެއްސެއްގެ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުން" ކެނޑިފައިވާ ކަމަށެވެ. ޝާހިދު ވަނީ ގައުމަށް ވަރަށް ގައްދާރުވެފައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކަތައް ޕީޕީއެމްއިން އޮޅުވާލަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޝާހިދު މިއަދު ވިދާޅުވެފައިވަނީ، ވީޑިއޯ އެޑިޓްކޮށްގެން ރައްޔިތުންނަށް އޮޅުވާލަން ކޮށްފައިވާ މަސައްކަތް ބޭކާރު ކަމަށެވެ. މި ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ނަގާލުމަށް މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށެވެ.