އެމްއެންޑީއެފް

ބޭރުގެ އަސްކަރީ އެހީއަކަށް ސަރުކާރުން އެދިފައި ނުވާނެ: ޑިފެންސް

ބޭރުގެ އަސްކަރީ ބާރެއްގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެއް އިރެއްގައި ވެސް އެދިފައި ނުވާނެ ކަމަށް ގައުމީ ސަލާމަތީ ބާރުން ބުނެފި އެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ރާއްޖޭގައި މިހާރު ހުރި މައްސަލަތަކާ ގުޅިގެން ސަރުކާރުން ބޭރުގެ އެކި ގައުމުތަކުގެ އަސްކަރީ އެހީތެރިކަމަށް އެދިފައިވާ ކަމުގެ އަޑު ފެތުރުފައިވަނިކޮށެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދަން ބޭރު ގައުމުތަކުގައި ސަރުކާރުން އެދިފައިވާކަމަށް ބުނެ ފަތުރަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އެފަދަ އެއްވެސް އެހީއަކަށް ރާއްޖެއިން އެދިފައިނުވާނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރޭން ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ހިމާޔަތްކޮށް ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި އެކަން ބަލައިގަތުމަށް ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ސިފައިންގެ މުއައްސަސާއިން ވަނީ ގޮވާލާފަ އެވެ.

"ރާއްޖޭގެ އިސްތިގުބާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމަށާއި ރާޢްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ވެރިކަން ދެމެހެއްޓުމާއެކު ރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ގާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންވާކަން ބަލައިގަތުމަށް މި މިނިސްޓްރީން ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ." ބަޔާނުގައި ބުންޏެވެ.

ބޭރުގެ އަސްކަރީ އެހީއަށް ސަރުކާރުގެ ފަރާތުން އެދިފައި ނުވާނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފުން ދީފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ރާއްޖޭގެ ކަންކަން ހައްލުކުރުމަށް ބޭރުގެ އަސްކަރީ އެހީ ބޭނުންވާކަމަށް ބުނެ އިންޑިއާގައިވެސް އެހީ އަށް އެދިފަ އެވެ.