ދުނިޔެ

އެބޯލާ އިން ލައިބީރިއާ ސަލާމަތްވެއްޖެ

އެބޯލާ އިން ސަލާމަތްވެއްޖެ ކަމަށް ކަނޑައަޅަނީ މި ބަލި ފެތުރެމުން ދިޔަ ގައުމަކުން ބަލީގެ އިތުރު ކޭސްތަކެއް ފެންމަތިނުވެ 40 ދުވަސް ހަމަވާ ހިސާބުންނެވެ. ލައިބީރިއާ އިން އެބޯލާގެ އާ މައްސަލަތަކެއް ފެންމަތިނުވާތާ މިހާރު 40 ދުވަހަށް ވުރެ ގިނަ ދުވަސްވީ އެވެ.

ލައިބީރިއާ އަކީ މިފަހަރު ހުޅަނގު އެފްރިކާގައި ފެތުރުނު އެބޯލާގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް އޭގެ އަސަރުކޮށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ގައުމެވެ. އެގައުމުން 10،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު 4،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

އެބޯލާގެ މި ބަލިމަޑުކަމެއް ފެށިފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގިނީ އިންނެވެ.

އެބޯލާ އިން ލައިބީރިއާ ސަލާމަތްވެއްޖެ ކަމަށް ކަނޑައެޅި ނަމަވެސް މި ބަލި ދަނީ އަދިވެސް ގިނީ އާއި ސިއެރެލިއޯނުގައި ފެތުރެމުންނެވެ. ސިއެރެލިއޯނުން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން މި ރޯގާގައި މަރުވެފައިވާއިރު ގިނީ އިން މަރުވި މީހުންގެ އަދަދު ވަނީ 2،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

މިފަހަރުގެ ބަލިމަޑުކަމަކީ އެބޯލާގެ ތާރީޚުގައި ވެސް އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ބަލިމަޑުކަމެވެ. އެގޮތުން މި މެއި މަހާ ހަމަ އަށް 26،661 މީހަކަށް މި ބަލި ޖެހިފައިވާއިރު 11،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ހުޅަނގު އެފްރިކާގައި ފެތުރެމުން ދާ މި ރޯގާ އެމެރިކާގެ ހަތަރު މީހަކަށް ވެސް ޖެހިފައިވެ އެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވާއިރު އިނގިރޭސި ވިލާތާއި ސްޕެއިން އިން ވެސް މިފަހަރު އެބޯލާ ފެނިފައިވެ އެވެ.