ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ޖަމީލް އަބަދުވެސް މަސައްކަތް ކުރެއްވީ ސަރުކާރު ވައްޓާލަން"

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުއަށް ބޮޑެތި ތުހުމަތުތަކެއް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) މިއަދު ކުރައްވައިފި އެވެ. ޕީޕީއެމްއިން މިހާރު ކޮންމެ ދުވަހަކު ވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި އެކިއެކި ބޭފުޅުންނަށް ބޮޑެތި ތުހުމަތުތައް ކުރެ އެވެ. ގިނަ ތުހުމަތުތައް އިއުލާން ކުރައްވަނީ އަބްދުއް ރަހީމް އަބްދުﷲ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ޖަމީލަކީ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު ވެސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް "ސިއްރު މުއާމަލާތްތަކެއް" ކުރެއްވި ބޭފުޅެއް ކަމަށެވެ. އޭނާ މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ގުޅިވަޑައިގަތް ވެރިކަން ބަދަލުކުރަން ކަމަށް ވެސް އަދުރޭ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގަ އައި މޭޑޭ ކިޔާ މުޒާހަރާއެއް، އެ މުޒާހަރާއަކީ ގާސިމް އިބްރާހިމް ފަންޑު ކޮށްގެން ބޭއްވި މުޒާހަރާއެއް ކަމަށް މައުލޫމާތު ލިބިފައިވަނީ، މި މުޒާހަރާގައި އޭރުގެ ވީޕީ ޖަމީލާއި ގާސިމްއާ ދެމެދު ކުރެވިފަ ހުރި މުއާމަލާތްތައް ފެނިފަ ވަނީ، އޭރު ވެސް ޖަމީލު ތައްޔާރުވަމުން ގެންދެވީ ބަޣާވާތްކޮށް ވެރިކަން ވައްޓާލައިގެން ވެރިކަމާ ހަވާލުވުމަށް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، "ޖަމީލަކީ މި ސަރުކާރުގެ ތެރޭގައި ހުންންވައިގެން ސަރުކާރު ވައްޓާލަން އެންމެ ފުރަތަމަ ކުރި މަސައްކަތުގައި ބައިވެރިވި ބޭފުޅެއް،" ކަމަށެވެ. ސަރުކާރުގެ ތެރޭގައި ހުންނަވައިގެން ޖަމީލު ކުރައްވާފައިވާ މުއާމަލާތްތައް މުލިއާގޭގައި އޮތް ބައްދަލުވުމެއްގައި ބޭފުޅަކު ޕާލިމެންޓް ގްރޫޕްގެ ހުރިހާ މެންބަރުންނާ ހިއްސާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ފުރަތަމަ ދުވަހުން ފެށިގެން ޖަމީލް މަސައްކަތް ކުރައްވަމުން ދިޔައީ ރައީސް ކަމުގެ ގޮނޑިއަށް އާދެވޭނެ މަގެއް ހޯދަން. މިއީ އަޅުގަނޑަށް ކުއްލިއަކަށް އެނގުނު ކަމެއް ނޫން، އަޅުގަނޑަށް އެނގޭ މި ޕާޓީއަށް ޖަމީލު ސޮއި ކުރި ދުވަހު ވެސް ހަރާންކޯރު ވާނެ ކަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ހަރާންކޯރުވުމަކީ ޖަމީލުގެ ސިފައެއް ކަމަށެވެ. މީހެއްގެ ކަށީގައި ކަމެއް ހިފައިފިނަމަ އެކަމެއް ފިލުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ޖަމީލް ދިރިއުޅުއްވަނީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައެވެ. އޭނާ އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ވަނީ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އިދިކޮޅު އިއްތިހާދުގެ ތެރެއިން އުފެއްދި އެމްޔޫއޯގެ ލީޑަރު ކަމުގައި ހުންނެވީ ވެސް ޖަމީލެވެ. ނަމަވެސް އޭނާ ވަނީ މިހާރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.