ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ އަޅަން އެމްޓީސީސީއަށް

  • ޕްރޮޖެކްޓް ދިނީ 50.9 މިލިއަން ރުފިޔާއަށް
  • 160 ދުވަހުން ނިންމަން ޖެހޭނެ
  • ރަންވޭގެ ބޮޑު މިނަކީ 1.2 ކިލޯ މީޓަރު

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އަޅަން 50.9 މިލިއަން ރުފިޔާއަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ވެލާނާގޭގައި ހުންނަ ރީޖަނަލް އެއާޕޯޓުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް ޒިއަތު އެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް އެވެ.

ސޮއި ކުރެއްވުމަށްފަހު، ސާމީ ވިދާޅުވީ އެމްޓީސީސީ އަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އަޅަން ކަމަށެވެ. އަދި ކުޅުދުއްފުށީގައި އަޅާ ރަންވޭގެ ބޮޑު މިނުގައި 1.2 ކިލޯ މީޓަރު [ ގާތްގަނޑަކަށް 3،937 ފޫޓު] ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ޒިއަތު ވިދާޅުވީ މި މަސައްކަތް ހަވާލުކުރީ 160 ދުވަސް (ގާތްގަނޑަކަށް ފަސް މަސް) ދުވަހުން ނިންމުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ހަވާލުކޮށްފައި މި ވަނީ ތާރު އެޅުމުގެ މަސައްކަތް. މީގެ ކުރިން ވެސް މި ބާވަތުގެ މަސައްކަތް ވާނީ ކޮށްފައި. މި ބާވަތުގެ މަސައްކަތްތަކުގެ ތަޖުރިބާ އެބަހުރި. ކުރިން ތިމަރަފުށީ އެއާޕޯޓުގެ މަސައްކަތް ވެސް ވަނީ ކޮށްފައި،" ޒިއަތު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓު ހިއްކުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. އެމްޓީސީސީ އިން އަލަށް ގެނައި ބިން ހިއްކާ ބޯޓު "މަހާޖައްރާފު" އިންނެވެ. ސަރުކާރުން މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. އަދި މަޝްރޫއު ނިންމާފައިވަނީ 180 ދުވަހުންނެވެ.

ސަރުކާރުން ވަނީ ރީޖަނަލް ފަސް އެއާޕޯޓުގެ މަސައްކަތް މި ދައުރުގައި ފަށާނެ ކަމަށް ބުނެފަ އެވެ. މިގޮތުން ށ. ފުނަދޫގައި އެއާޕޯޓް އަޅަން ބިން ވަނީ ހިއްކާފަ އެވެ. އަދި ގދ. މަޑަވެއްޔާއި ފުނަދޫ އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާނު ވެސް ކޮށްފަ އެވެ.