ދުނިޔެ

ދެކުނު އެފްރިކާގެ ރައީސް ވަކިކުރަން އޭނާގެ ޕާޓީން ނިންމައިފި

ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ ވެރިކަމުން ދުރުކުރަން ވެރިކަން އެފްރިކަން ނެޝަނަލް ކޮންގްރެސް ( އޭއެންސީ) އިން ނިންމައިފިއެވެ.

އޭ އެންސީއަކީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި މަޝްހޫރު ލީޑަރު އަދި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އިސްކޮށް އުޅުއްވި ޕާޓީއެވެ.

ޒޫމާ ވަކިކުރަން އޭއެންސީން ނިންމާފައި މިވަނީ އޭނާގެ އިސްތަށިފުޅުގައި އެޅިފައިވާ ޚިޔާނާތާއި ފަސާދައިގެ ތުހުމަތުތައް ގިނަވެ، މަގާމުން އިސްތިއުފާ ދެއްވަން ގިނަ ބަޔަކު ގޮވާތާ އެތައް ދުވަހެއް ވީފަހުންނެވެ. އޭނާ އިމްޕީޗްކުރަން ދެކުނު އެފްރިކާ ޕާލަމެންޓުގައި ތިއްބެވި އިދިކޮޅު މެމްބަރުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އޭއެންސީން ވަނީ އެކަން ނާކާމިޔާބުކޮށްލާފައެވެ.

ރޮއިޓާސް ބުނީ ޒޫމާ ވަކިކުރަން ޕާޓީން ނިންމިކަން އެ އެޖެންސީއަށް ކަށަވަރުކޮށްދިނީ އޭއެންސީގެ އިސް ބޭފުޅެއް ކަމަށެވެ. އޭނާ އެކަން ކަށަވަރުކޮށްދެއްވީ އޭއެންސީން އިއްޔެއިން ފެށިގެން ބާއްވަމުން އައި ބައްދަލުވުންތަކެއް ނިންމައިލުމަށް ފަހުގައެވެ. 13 ގަޑި އިރުވަންދެން ކުރި އެ މަސައްކަތުގެ ތެރޭގައި އޭއެންސީގެ ލީޑަރު ކަމަށް އަލަށް ވަޑައިގެންނެވި ސީރިލް ރަމަފޯސާއާއި ޒޫމާ ބޭއްވި ބައްދަލުވުމެއް ވެސް ހިމެނެއެވެ. މަރަޕޯސާއަކީ ޒޫމާއަށް ފަހު މަގާމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅާއެވެ. އޭނާއަކީ މަންޑޭލާއަށް ފަހު އޭއެންްސީގެ ލީޑަރުކަމަށް ވަޑައިގަންނަވަން މަންޑޭލާ އެންމެ ބޮޑަށް އެދިވަޑައިގެންނެވި ބޭފުޅާ ވެސް މެއެވެ.

ޒޫމާ މަގާމުން ވަކި ކުރަން ޕާޓީން ނިންމިޔަސް އޭނާއަކަށް މަގާމެއް ނުގެއްލޭނެއެވެ. އެކަމަކު އޭއެންސީގެ އުސޫލަކީ އެގޮތަށް ނިންމައިފި ނަމަ އިސްތިއުފާ ދިނުމެވެ. ދެކުނު އެފްރިކާގެ ނޫސްތަކުން ބުނަމުން އަންނަނީ ޕާޓީގެ ނިންމުން ގަބޫލުކުރައްވައި އިސްތިއުފާ ދެއްވުމުގެ ވިސްނުންފުޅެއް ޒޫމާ ނުގެންގުޅުއްވާ ކަމަށެވެ.

ދެކުނު އެފްރިކާގެ ދައުލަތުގެ ޓީވީން ރޭ މެންދަމު ބުނީ ޒޫމާ އިސްތިއުފާ ދެއްވަން ރަމަފޯސާ ދެއްވީ 48 ގަޑި އިރުގެ މުހުލަތެއް ކަމަށެވެ. އެކަމަކު އޭނާ އިސްތިއުފާ ނުދެއްވާނެ ކަަމަށް ވިދާޅުވި ކަމަށް އޭއެންސީގެ އިސް ބޭފުޅަކު ފަހުން ވަނީ ވިދާޅުވެފައެވެ. އެހެންވީމާ އޭއެންސީއަށް ދެން ކުރެވެން އޮތް ކަމަކީ ޕާލަމެންޓުން ޒޫމާ އިމްޕީޗް ކުރުމެވެ.

ބައްދަލުވުންތަކުން ނުކުތް ނަތީޖާތަކާ ބެހޭ މައުލޫމާތު އާއްމު ކުރަން ނޫސްކޮންފަރެންސެއް ބާއްވާނެ ކަަމަށް އޭއެންސީން ރޭ ބުންޏެވެ. ބައްދަލުވުންތަކާ ބެހޭ ގޮތުން ޒޫމާ އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.