ހަބަރު

ރިލްވާން މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ފޮރުވި މައްސާލާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. މިއަދުގެ އަޑުއެހުން ތާވަލުކުރީ 3:00 އަށެވެ. 

މައްސަލާގެ މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށަހެޅި ހަތް ސިއްރު ހެކިވެރިންގެ ތެރެއިން ތިން ހެކިވެރިންގެ ހެކި ބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެކެވެ. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކުރިމިނަލް ކޯޓުން ނުބުނެ އެވެ.

އިއްޔެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ މައްސަލަ އަވަހަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި އެހެންވެ ހެކިބަސް ނެގުމަށް ޖެހިޖެހިގެން އަޑުއެހުންތައް ގިނަ ވަގުތު ކަނޑައަޅައިގެން ބާއްވާނެ ކަމަށެވެ. އިއްޔެ ވަނީ ދައުލަތުން ހުށަހެޅި ހަތަރު ސިއްރު ހެކިވެރިޔަކު ހެކި ބަސް ދީފަ އެވެ.

ހެކީގެ ގޮތުގައި ދައުލަތުން ރިލްވާންގެ އާއިލާގެ ގިނަ މެންބަރުބްތަކެއްގެ ނަން ވެސް ހުށަހަޅާފައިވާއިރު އެ މީހުންނަށް ހެކި ބަސް ދޭން މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

ރިލްވާން ފޮރުވި ކަމަށް ތުހުމަތުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންއާ ދެކޮޅަށެވެ. ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މައްސަލާގައި ޖުމްލަ 29 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ. ދިފާއުގައި އާލިފާއި ނޫރައްދީންގެ ފަރާތުން ފަސް މީހެއްގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.