ހަބަރު

ސިޔާސީ ކަންކަމުގައި ބިދޭސީން ބައިވެރިވާ ނަމަ ފިޔަވަޅު އަޅާނަން: އިމިގްރޭޝަން

ރާއްޖޭގައި ހިނގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންނަ ހުކުރު ދުވަހު ބާއްވާ ބޮޑު އެއްވުމުގައި ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީ ފަރާތްތަކުން ބައިވެރިވުމަށް ގޮވާލަމުންދާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި އެ ފަރާތްތަކުން ބައިވެރިވުމަކީ އެ ފަރާތްތަކަށް ވިސާ ދޫކުރުމުގެ ޝަރުތުތަކާ ހިލާފުވުން ކަމަށާއި އެހެންކަމުން އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އަންގާ ކަމަށެވެ.

"..ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ކުރާ އިލްތިމާސަކީ އިމިގްރޭޝަންގެ ގާނޫނާއި ގަވައިދުތަކަށް އިހްތިރާމް ކުރުމަށް އެ ފަރާތަކަށް ނަސޭހަތްތަރިވުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރު އަޅާ ކުންފުނިތަކަށް ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް އިމިގްރޭޝަން އިން ބުންޏެވެ.