ހަބަރު

ވެރިކަން ވައްޓާލަން އުޅުނު މީހުން ތަހުގީގަށް އެއްބާރުލުން ނުދޭ: ފުލުހުން

Feb 13, 2018
5

ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތަކުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށާއި އެފަދަ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ފުލުހުން ދާދި ދެންމެއަކު ބުނެފި އެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން، އަހުމަދު ޝިފާން ދާދި ދެންމެއަކު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ، މައްސަލައިގައި 13 ފަރާތެއް ހައްޔަރުކޮށްފައިވާއިރު ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އެ އެންމެންނާ ވެސް ސުވާލު ކުރަމުން އަންނަ ކަމަށެވެ. މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން އެ މައްސަލައިގައި ހެކި ދިނުމަށް އިންކާރުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"އެފަދަ ފަރާތްތަކުން ތަހުގީގަށް ހުރަސް އަޅައި ފުލުހުންގެ ދައުރަށް ދަތިކުރި ކަމުގެ މައްސަލަ ބަލައި އެ މައްސަލައިގައި ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ވާހަކަ ވެސް ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދު އާއި ވިލާ ކުންފުނީގެ އެމްޑީ، ސިޔާދު ގާސިމް އާއި އެންދެރިގަސްގެ ކާރު ޑްރައިވަރެއް ކަމަށްވާ ސްރީލަންކާ ރައްޔިތެއް އަދި މައުމޫން އޮފީހުގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ.

ޝިފާން ވިދާޅުވީ ފުލުހުން ތަހުގީގަށް ހައްޔަރުކޮށްފައިވާ އެންމެންނަށް ވެސް ވަކީލުންގެ ހައްގު ދެމުން އަންނަ ކަމަށެވެ. އަދި މި ތަހުގީގުގައި ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތަކާ މެދު ފުލުހުން ގޯސްކޮށް ކަންތައްކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ކަސްޓޯޑިއަލް އިން ލިބެން ޖެހޭ އެންމެހާ ހިދުމަތްތައް އެ ފަރާތްތަކަށް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.