ހަބަރު

2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރަށް ލިބުނު: ފުލުހުން

Feb 13, 2018
11

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ރާއްޖޭގެ ބޮޑު ކުންފުންޏަކުން ދީފައިވާ 2.4 މިލިއަން ޑޮލަރުގެ މަންފާ، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ލިބިފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފުލުހުން ހިންގާ ތަހުގީގާ ގުޅޭ ގޮތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިޔަ އިރު ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ދީފައިވާ 2.4 މިލިއަން ޑޮލަރުގެ ފައިދާ އުއްތަމަ ފަނޑިޔާރަށް ލިބިފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރުން ރިއަލް އެސްޓޭޓް ބައެއް ތަންތަނާއި ބައެއް އަގު ބޮޑެތި މުދާ ގަންނަން އަބްދުﷲ ސައީދު މަސައްކަތް ކޮށް އެފަދަ ތަންތަނަށް ޒިޔާރަތްކޮށް ހަދާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓްގެ އައިޓީ ވިއުގަ ހުއްޓުމަކަށް ގެންނަން އުއްތަމަ ފަނޑިޔާރު އަމުރު ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރަށް މައުމޫންގެ ސެކްރެޓަރީއެއް ކަމަށްވާ، ނަޖުމާގެ ގެއިން ފެނުނު ކަޅު ފޮށިން ފެނުނު ލިޔުމަކުން މައުމޫން ވިދާޅުވެގެން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކާ ބައްދަލުކުރިކަމާއި މައްސަލަތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން އެނގިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. ފުލުހުން މިއަދު ވަނީ ތަހުގީގާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

މައުމޫންގެ ސެކްރެޓަރީއެއް ކަމަށްވާ، ނަޖުމާ ހުސެއިންގެ ގެއިން ފެނުނު ކަޅުފޮށިން އިތުރު ހެކި ފެނިފައިވާކަން ވެސް ފުލުހުން މިއަދު ހާމަކޮށްފި އެވެ. ޝިފާން ވިދާޅުވީ، ފާރިސް މައުމޫން އަށް ފޮނުއްވި ޑޮކިއުމަންޓެއް އެ ފޮށީގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އެ ޑޮކިއުމަންޓުން މައުމޫން ވިދާޅުވެގެން ފާރިސް ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކާ ބައްދަލުކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215،000 ޑޮލަރު ފެނިފައިވާ ކަމަށެވެ. އަދި ހަމަ އެ ދަބަހުން 150،000 ރުފިޔާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް 13 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.