ހަބަރު

ރާއްޖެ އައި ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

Feb 13, 2018
4

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް އައި ބަނގްލަދޭޝް މީހެއްގެ އަތުން މަސްތުވާތަކެތި އަޅާފައިވާ ފުޅިތަކެއް އަތުލައިގެންފި އެވެ. މަސްތުވާތަކެތި ފެނިފައިވަނީ 23 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއްގެ އަތުންނެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބަނގްލަދޭޝް އިން ރާއްޖެއަށް އައި އެ މީހާގެ އަތުން ފެނިފައިވަނީ މަސްތުވާބާވަތެއްގެ ގުޅަ ހިމެނޭ ފުޅިތަކެއް ކަމަށެވެ. ކަސްޓަމުން އެތަކެތި އަތުލައިގެންފައިވަނީ އޭނާގެ ފަރާތުން ތަފާތު ކަންތައްތަކެއް ކަސްޓަމްސް ކްލިއަރެންސްގެ މުވައްޒަފުންނަށް ފެނިގެން ބަލައި ފާސްކުރުމުގެ ތެރޭން އޭނާގެ ލަގެޖުންން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިތަކެތި ތަހުލީލުކުރުމުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެޕެޓަމައިން އަށް ޕޮޒިޓިވް ވެފައެވެ. މި ފުޅިތަކުގައި ޖުމްލަ 302 ގުޅަ ރައްކާކޮށްފައިވެ އެވެ." ކަސްޓަމްސް އިން ބުންޏެވެ.

އެ މީހާ މިހާރު ފުލުހުންގެ ހައްޔަރުގައި ބަހައްޓާފައިވާއިރު، ރާއްޖެއަށް މަސްތުވާތަކެތި ބޭރުން އެތެރެކުރުމާއި ރާއްޖެއިން މަސްތުވާތަކެތި ބޭރުކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.