ހަބަރު

ބްރިޖްގެ މުހިންމު މަސައްކަތްތައް ވަގުތަށް ނިމޭނެ: މިނިސްޓަރު

Feb 13, 2018
11

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މުހިންމު މަސައްކަތްތަކެއްގެ ބޮޑު ބައެއް ނިމިފައިވާކަން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ސިޔާސީ މައިދާނު ހޫނެވައިވާ މި ދަނޑިވަޅުގައި މިއަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، 480 މީޓަރުގެ ބްރިޖްގެ ޑެކް ނުވަތަ ސުޕަ ސްޓްރަކްޗާގެ ކޮންކްރީޓް އައިބީމް އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން 180 މީޓަރުގެ ކޮންކްރީޓް ބްރިޖް ޑެކް ސްޕޭން މާލޭ ކޮޅުން ނިމިފައިވާ ކަމަށެވެ.

"ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ ހަލުވިކަމާއެކު ޝެޑިއުލްއާ އެއްގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

މުޅި އެޕްރޯޗް ބްރިޖްގައި 240 އައިބީމް ހިމެނޭ ކަމަށް މީގެކުރިން މިނިސްޓަރު ވިދާޅުވެފައިވެ އެވެ. ބްރިޖް މި އަހަރުގެ މިނިވަން ދުވަހަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބްރިޖްގެ ބައެއް ބައިތައް ޗައިނާއިން ވެސް ގެންނާނެ އެވެ.

ބްރިޖްގެ ބައެއް ވަނަވަރު

  • ރިޖްގެ ވައްތަރު: ބޯޗް އާޗް
  • ބޯކްގެ އަދަދު 6
  • ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
  • ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
  • ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިން: 75 ފޫޓް
  • ބްރިޖްގެ މަސައްކަތް ކުރަނީ: ޗައިނާގެ ސީސީސީސީ
  • ބްރިޖްގެ އަގު: 200 މިލިއަން ޑޮލަރު
  • ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
  • ސައިކަލަށް ދެ ލޭން
  • ބްރިޖުގެ ޖުމްލަ ދިގުމިން: ދެ ކިލޯމީޓަރު
  • ފުޅާމިނުގައި: 20.3 މީޓަރު
  • މަސައްކަތް ނިންމާނީ: 30 މަސް ދުވަހުން

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.