ހަބަރު

ރައީސް ޔާމީން ޕްރޮމޯޓްކުރާ ޓްވިޓާ އެކައުންޓްތަކެއް ސަސްޕެންޑްކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވިޓާ އެކައުންޓް މިއަދު ސަސްޕެންޑްކޮށްފި އެވެ. އޭގެ އިތުރުން ޕީޕީއެމްގެ ސިޔާސަތުތައް ޕްރޮމޯޓްކުރާ ބައެއް އެކައުންޓްތަކާއި އެ ޕާޓީގެ ބައެއް އެކްޓިވިސްޓުންގެ އެކައުންޓްތައް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑްކޮށްފައިވާ ޕީޕީއެމްގެ އެކައުންޓްތަކުގެ ތެރޭގައި "އަސުރުމާ" އަދި "އަމާޒު ޔަގީން" ހިމެނެ އެވެ. އެ އެކައުންޓްތަކަކީ ރައީސް ޔާމީނާއި މެޑަމް ފާތުން ވަރަށް ޕްރޮމޯޓްކުރާ ދެ އެކައުންޓެވެ. އަދި ޕީޕީއެމްގެ ހަރަކާތްތަކުގެ ލައިވް އަޕްޑޭޓްސްތައް ވެސް ދޭ އެކައުންޓްތަކެކެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޓްވިޓާގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ އެކްޓިވިސްޓުންގެ އެކައުންޓްތައް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން ޕީޕީއެމް ހުޅުމާލެ ޒުވާނުންގެ ގޮފީގައި އިސްކޮށް އުޅުއްވާ ޒައިދުލް އަމީންގެ ޓްވިޓާގެ އެކައުންޓް ވެސް މިރޭގެ ވަގުތެއްގައި ވަނީ ސަސްޕެންޑްކޮށްފަ އެވެ.

"މުހިންމު ގިނަ މީހުންގެ އެކައުންޓްތައް ހުރީ ސަސްޕެންޑްކޮށްފަ، ވަރަށް މަދު މީހެއްގެ ސަލާމަތުން ހުރީ، މިރޭ ގިނަ މީހުންގެ އެކައުންޓްތައް ސަސްޕެންޑްކޮށްފައި ވަނީ،" ޕީޕީއެމްގެ އެކްޓިވިސްޓެއް ބުންޏެވެ.

ރައީސް ޔާމީން ޕްރޮމޯޓްކުރާ ޓްވިޓާ އެކައުންޓްތައް ކުއްލި ގޮތަކަށް ސަސްޕެންޑްކުރި ސަބަބެއް ސާފެއް ނުވެ އެވެ. އެ އެކައުންޓްތައް ރިކަވާ ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންދާ ކަމަށްވެ އެވެ.

ޓްވިޓާ އެކައުންޓްތައް ސަސްޕެންޑްކޮށްފައިމިވާ ދަނޑިވަޅަކީ ރާއްޖޭގައި މަޝްރަހު ހޫނުވެ، ބޭރު ގައުމުތަކުން ރާއްޖެއާ ދެކޮޅަށް ހަރުކަށި ބަޔާންތަކެއް ނެރެފައިވާ ދަނޑިވަޅެކެވެ. ރާއްޖޭގެ މަޝްރަހު ފިނި ކުރުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދާއިރު ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރު ތަންފީޒުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އަދިވެސް ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.