ހަބަރު

ނާޒިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި

May 11, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.

ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް މަހުގެ ފަހުކޮޅު އެވެ. އެ މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ހައި ކޯޓުން މިހާރު ވަނީ ބަލައިގަތުމަށް ނިންމައި، ރަޖިސްޓްރޭޝަން ފީ ދައްކަން އަންގައިފަ އެވެ.

އެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފައިވާއިރު ނާޒިމް މިހާރު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރުގަ އެވެ. ނާޒިމް ސިންގަޕޫރުގައި ހުންނެވުމަށް 45 ދުވަހުގެ މުއްދަތެއް ކަރެކްޝަނަލް ސާވިސުން ދީފައިވާއިރު އިސްތިއުނާފް ޝަރީއަތް ކުރިއަށް ގެންދެވޭނީ ނާޒިމް ރާއްޖެ ވަޑައިގަތުމުންނެވެ.