ރައްޔިތުންގެ މަޖިލިސް

ޖަލްސާތައް ފަށާ ދުވަހެއް ނުބުނި!

ރައްޔިތުންގެ މަޖިލިސް ހުޅުވައި މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާނެ ދުވަހެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީގެ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބާއްވާ، ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ރިޔާސީ ބަޔާން އިއްވަން ޖެހެ އެވެ. މަޖިލީހުން އެކަމަށް ތައްޔާރުވެފައި ވަނިކޮށް 1 ފެބްރުއަރީގެ އަމުރާއެކު އެ ޖަލްސާ ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ގަރާރު ހުށަހަޅަން ޖެހޭ ކަމަށް ވެސް ގާނޫން އަސާސީގައި ބުނެފައިވެ އެވެ.

ޖަލްސާތައް ނުފަށާ އޮތް މައްސަލައާބެހޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހުގެ މިހާރު އިދާރީ ކަންކަމާ އިސްކޮށް ހަވާލުވެ ހުންނެވި ޑެޕިއުޓީ ސެކެޓަރީ ޖެނަރަލް ނިއުޝާ ފާތިމަތުއަށް އެތަށް ފަހަރެއްގެ މަތިން ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި މެސެޖަކަށް ވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

އެ މައްސަލައާ ގުޅިގެން ޕީޕިއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުފަށާ އޮތީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި އޮތުމާ ގުޅިގެން ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަަލުގެ ހާލަތު ނިމުމާއެކު ޖަލްސާތައް އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"މިހާރު މި އޮތް ހާލަތުން ވާނީ ވެސް މިކަހަލަ ގޮތެއް، ސަލާމަތީ ސަބަބުތަކާ ހެދި ޖަލްސަތައް ނުފެށި އޮތީ، ނަމަވެސް މި ހާލަތުން އަރައިގަތުމުން އަލުން ޖަލްސާތައް ފަށާނެ،" ނިހާން ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރެއް ކަމަށްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޖަލްސާއެއް ބާއްވަން އިދިކޮޅު މެންބަރުންތައް މަޖިލީހަށް އެކި ގޮތްގޮތުން ލިޔުމުން ހުށަހަޅާފައިވާ ކަމަށާއި އަދި ޑެޕިއުޓީ އެސްޖީއާ ބައްދަލު ކުރުމަށް ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ސިފައިން ހުރަސް އަޅާފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދާއިރު 1 ފެބްރުއަރީގެ އަމުރުގައިވާ ގޮތުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ގޮނޑިއެއް ނުގެއްލެ އެވެ. އަދި މަޖިލީހުގެ އޭރުގެ އަމީންއާންމް ވެސް ވަނީ އެ މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވެފަ އެވެ.