ވިޔަފާރި

ބަލްކަން ސަރަހައްދުގައި ރާއްޖެ ތަމްސީލްކުރީ ކާނި

Feb 16, 2018

ބަލްކަން ސަރަހައްދުގައި ހިމެނޭ ގައުމުތަކަށް ހާއްސަކޮށް ބޭއްވި ޓޫރިޒަމް ފެއާގައި ރާއްޖެ ތަމްސީލް ކުރުމުގެ ގޮތުން ކާނި ހޮޓެލްސް އިން ބައިވެރިވެއްޖެ އެވެ.

ބަލްގޭރިއާގެ ވެރިރަށް ސޯފިއާގައި ކުރިއަށް ދިޔަ ޓޫރިޒަމް ފެއާގައި ރާއްޖެ ތަމްސީލްކުރީ ކާނި ހޮޓެލްސްއިންނެވެ. މި ގޮތުން މި ފެއާގައި ރާއްޖެ އިޝްތިހާރު ކޮށްފައިވަނީ ކާނި ހޮޓެލްސްގެ ޗެއާމަން އަބްދުﷲ ނަޝީދު އެވެ.

ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ވިދާޅުވީ ބަލްކަން ގައުމުތަކަކީ ރާއްޖެ އަށް ޕޮޓެންޝަލް އޮތް ސަރަހައްދެއް ކަމަށާ، މި ފެއާގައި ބައިވެރިވީ އެހެންވެ ކަމަށެވެ.

"މި ފަހަރު އަމިއްލަ ގޮތުން މި ބައިވެރިވީ. އަޅުގަނޑުމެން މުސްތަގުބަލުގައި ރާއްޖޭގެ ގެސްޓްހައުސް ތަކަށް ވެސް ފުރުސަތު ދޭނެ،" ބަލްގޭރިއާގައި އޮފީސް ހުޅުވައިގެން މަސައްކަތް ކުރާ، އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލްކަން ކަންޓްރީޒްއަކީ މިހާރު ވެސް ކާނި ހޮޓެލްސްގެ ގެސްޓްހައުސްތަކަށް ގިނަ އަދަދެއްގެ މީހުން އަންނަ ސަރަހައްދެއް ކަމަށެވެ.

"މި ސަރަހައްދުގައި އޮންނަ އެންމެ ބޮޑު ފެއާ މިއީ. ވަރަށް ކާމިޔާބުކޮށް ދިޔައީ،" އަބްދުﷲ ވިދާޅުވި އެވެ.

ބަލްކަން ސަރަހައްދުގައި ހިމެނެނީ އަލްބޭނިއާ އާއި ބޮސްނިއާ އަދި ބަލްގޭރިއާ އާއި ކްރޮއޭޝިއާ އަދި ގްރީސް އާއި މެސެޑޯނިއާ އެވެ.