ހަބަރު

ޓްވީޓްތަކަކާ ގުޅިގެން މާދަމާ ވެސް މަހުލޫފް ފުލުހަށް ގެންދަނީ

ކުރައްވާފައިވާ ޓްވީޓްތަކަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މާދަމާ ވެސް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ. އެފަދަ މައްސަލައެއްގައި މިއަދު ވެސް މަހުލޫފް ފުލުހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައިވެ އެވެ.

މަހުލޫފަށް މާދަމާ ދެ މައްސަލައެއްގައި ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވާފައިވެ އެވެ. ދެ މައްސަލައަކީ ވެސް ޓްވިޓަކާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ ދެ މައްސަލަ އެވެ.

މާދަމާގެ މެންދުރުފަހު 2:30 އަށް މަހުލޫފް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެންނެވެ. އޭރު އޭނާ ހުންނެވީ ލަންކާގަ އެވެ.

ދެވަނަ ޗިޓް ފޮނުވާފައިވަނީ މާދަމާ ހަވީރު 5:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. އެ މައްސަލައަކީ މިދިޔަ މަހުގެ 20 ވަނަ ދުވަހު މަހުލޫފް ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެން ބަލަމުންދާ މައްސަލައެއް ކަމަށް ޗިޓްގައިވެ އެވެ. ދެ މައްސަލާގައި އޭނާ ހާޒިރުކުރަނީ ސުވާލުކޮށް ބަޔާން ނެގުމަށެވެ.

މިކަމާ ގުޅިގެން މަހުލޫފް ވިދާޅުވީ، މާދަމާގެ ދެ ގަޑިއިރެއްގައި އޭނާ ފުލުހަށް ހާޒިރުކުރަނީ މާދަމާ އެއްވުމަށް އޭނާ ދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. މާދަމާ އިދިކޮޅު ޕާޓީތަކުން މާލޭގައި އެއްވުމެއް ބޭއްވުމަށް ރާވަމުންދާއިރު ފުލުހުން ވަނީ އެ އެއްވުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ބުނެފަ އެވެ.