ދުނިޔެ

މަންޑޭލާ ދެއްކެވި މިސާލަށް ތަބާވާން ޖެހޭ: ދެކުނު އެފްރިކާގެ އާ ރައީސް

ދެކުނު އެފްރިކާއިން ނަސްލީ އިމްްތިޔާރު ނައްތާލައި ކަޅުމީހުންގެ ހައްގުތައް ހޯއްދަވައި ދެއްވަން މަސައްކުރެއްވި ބަތަލު ނެލްސަން މަންޑޭލާ ދެއްކެވި މިސާލަަށް އެގައުމުގެ ރައްޔިތުން ތަބާވާން ޖެހޭ ކަމަށް އާ ރައީސް ސީރިލް ރޭމަފޯސާ ވިދާޅުވެއްޖެއެވެ.

ޖޭކޮބް ޒޫމާ އިސްތިއުފާ ދެއްވުމުން ރައީސްކަމަށް ވަޑައިގެންނެވި ރޭމަފޯސާ ރައީސްގެ ހައިސިއްޔަތުން ގައުމާ މުހާތަބުކުރައްްވައި ދެއްވި ފުރަތަމަ ތަގުރީރުގައި ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި އެެންމެން ހަމަވުމާއި މުއްސަނދިކަމުގެ ފައިދާ އެންމެނަށް ލިބިދިނުމުގައި މަންޑޭލާގެ މިސާލަށް ތަބާވާން ޖެހޭ ކަމަށެވެ.

" އެ މުޖުތަމައެއްގައި އެންމެން މިނިވަންކޮށް ތިބޭ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ އަދި ބިމުގެ މުއްސަނދިކަމުން އެންމެނަށް ހިއްސާ ލިބި އެންމެންގެ ދިރިއުލުން ވެސް މިހާރަށް ވުރެ ރަނގަޅު މުޖުތަމައެއް ބިނާކުރެއްވުމަށް އޭނާ [ ނެލްސަން މަންޑޭލާ] ފެއްޓެވި ދިގުރާސްތާގެ ހިނގުން އަހަރެމެން މިގެންދަނީ ކުރިއަށް، " ކޭޕްޓައުންގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރޭމަފޯސާ ވިދާޅިއެވެ.

ރޭަމަފޯސާއަކީ ދެކުނު އެފްރިކާގައި ކުރިންް އޮތް ދޮންމީހުންގެ ސަރުކާރުން އެގައުމުގެ ކަޅުމީހުންނާ ދެކޮޅަށް ގެންގުޅުނު ނާއިންސާފާއި އަނިޔާވެރިކަން ނިންމުމަށް މަސައްކަތް ކުރެއްވި ބޭަފުޅެކެވެ. އަދި އޭނާއަކީ މަންޑޭލާއަށް ފަހު ވެރިކަން ކުރައްވަން މަންޑޭލާ އެންމެ އެދިވަޑައިގެންނެވި ބޭފުޅާއެވެ. އޭނާއަށް ބުރާސްފަތި ދުވަހު ދެކުނު އެފްރިކާގެ ރައީސްކަން ލިބިވަޑައިގެންނެވީ އެހައިތަނަށް ހުންނެވި ރައީސް ޖޭކޮބް ޒޫމާ އިސްތިއުފާދެއްވުމުންނެވެ.

ޒޫމާއަކީ ވެސް މަންޑޭލާއާ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އިސްތިއުފާ ދެއްވީ ޚިޔާނާތާއި ފަސާދައިގެ ގިނަ ތުހުމަތުތަކެއް އަމާޒުވެ ރައްޔިތުން ނުރުހިފައި ތިއްބާ ވެރިކަން ކުރާ އެފްރިކަންް ނެޝަނަލް ކޮންގްރެސް އިން އެކަަމަށް ބާރު އެޅުމުންނެވެ. އޭއެންސީން ކުރިން އައީ ޕާލަމެންޓުގައި އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ޒޫމާ ދިފާއުކުރަމުންނެވެ. ނަމަވެސް ޕާޓީގެ ސިޔާސަތު ބަދަލުވީ މިދިޔަ ޑިސެމްބަރު މަހު ރަމަފޯސާއަށް ލީޑަރުކަން ލިބިވަޑައިގެންނެވި ހިސާބުންނެވެ. އަންގާރަ ދުވަހުން ފެށިގެން ޒޫމާއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އޭއެންސީން އެންގީ އޭނާ އިސްތިއުފާ ނުދެއްވައިފި ނަަމަ ޕާލަމެންޓް މެދުވެރިކޮށް އޭނާ ރައީސްކަމުން އަޒުލުކުރާނެ ކަމަށެވެ. ޒޫމާ އިސްިތިއުފާދެއްވީ އެހެން އެންގިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ.

ޒޫމާ އިސްތިއުފާ އިއުލާނު ކުރެއްވީ ކިހިނެތް؟

އުމުރުފުޅުން މިހާރު 75 އަހަރު ވެފައިވާ ޒޫމާ އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވީ ނޫސްވެރިންގެ ހާޒިރުގައި ދެއްވި ދިގު ތަގުރީރެއް ނިންމަވައި ލައްވަމުންނެވެ. އެ ތަގުރީރު ދެކުނު އެފްރިކާގެ ޓީވީޗެނަލްތަކުން ވަގުތުން ދުރަށް ދެއްކި އެވެ.

"މާ ސީރިއަސް ވެފައި ތިޔަ ތިބީ ކީއްވެތޯ؟" ނޫސްވެރިންނާ ސުވާލު ކުރައްވައި، ސަމާސާ ރާގެއްގައި ފެއްޓެވި ތަގުރީރުގައި އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ އޭއެންސީ ތެރޭގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދިދާނެތީ ކަމަށެވެ.

"އަހަރެންގެ ނަމުގައި މީހެއްގެ ފުރާނަ ގެއްލިގެން ނުވާނެ، އަދި ހަމަ އެފަދައިން އަހަރެންގެ ނަމުގައި އޭއެންސީ ބައިބައި ވެސް ވެގެން ނުވާނެ. އެހެންވީމާ އަހަރެން ނިންމައިފިން ރައީސުލް ޖުމްހޫރިއްޔާކަމުން މިހާރުން މިހާރަށް އިސްތިއުފާދޭން،" ތަގުރީރުގައި ޒޫމާ ވިދާޅުވިއެވެ.