މީހުން

ފަންކޮ: އެންމެ ކޫލް ދިވެހި ފޮޓޯގްރާފަރު

"ހުރިހާ ކަމެއް ވެސް ދަސްކުރީ އަމިއްލަ އަށް. އެއްޗެހިތައް ބަލައި ހާވައިގެން. އެއްވެސް ވަރަކަށް ނީންނާނެ ކިޔަވާފަ މި ފީލްޑުން. ޑިޒައިންކުރަނީކީ ވެސް ކިޔަވައިގެންނެއް ނޫން. ހަމަ އަމިއްލަ އަށް ދަސްކުރަނީ. ނެޓުން ލިބެން ހުންނަ މައުލޫމާތުތައް ކިޔައިގެންނާއި އަމިއްލަ އަށް ހެދޭ ގޯސްތަކުން،" އޭނާ ބުނީ މިހެންނެވެ.

އެއަށް ފަހު މިހެންނެވެ.

"ކޮންމެހެން ބޭނުމެއް ނުވާނެ މިކަމުން ހާއްސަވާކަށް ޑިގްރީއެއް ހަދާކަށް. އެމީހެއްގެ ހިތް އެކަމަކަށް އެދި ގޮވާ ނަމަ ކޮންމެ ކަމެއް ވެސް ކުރެވޭނެ. އިޓްސް ނޮޓް އިމްޕޮސިބްލް."

ހިތްވަރު ލިބިގަންނާށެވެ. މިއީ ރާއްޖޭގައި މިވަގުތު ތިބި ފޮޓޯގްރާފަރުންގެ ތެރެއިން މި ފަންނުގައި ފާހަގަކޮށްލެވޭ އެންމެ ތަފާތު ފޮޓޯގްރާފަރު ކަމުގައިވާ ފަންކޮ (އައްސަދު ނަޒީރު) މިއަދު އޭނާ އެހުރި ހިސާބަށް އައި ގޮތެވެ.

މިއީ އޭނާގެ ވާހަކަ އެވެ.

ފަންކޮ ނުވަތަ ފަންކޮގްރެފިކްގެ ނަމުގައި ގިނަ ބަޔަކު ދަންނަ މި ޒުވާން ހުނަރުވެރިޔާ ހާއްސަވެފައި ވަނީ ފެޝަން ފޮޓޯގްރެފީ އާއި ކޮންސެޕްޝުއަލް ފޮޓޯގްރެފީ އަށެވެ. ތިމާވެށި ސަލާމަތްކުރުމަށް ފޮޓޯގްރާފަރެއްގެ ގޮތުގައި އޭނާ ކުރިއަށް ގެންދާ ކެމްޕޭނަކީ ވެސް އުފަލުން ގޮސް ހިތް ބަންޑުންވާހާ ލޯބި ކެމްޕޭނެކެވެ.

އޭނާގެ މި ކެމްޕޭނުގެ ލޯބި، ލޯބި މޫނަކީ "މީކާ" ނަމަކަށް ކިޔާ ބުދެއް ނުވަތަ ކުޑަ ޕަޕެޓެކެވެ. މީކާ އަކީ އެހެން ހުރިހާ ދިވެހިންނަށް ވުރެ ބޮޑަށް ތިމާވެއްޓަށް ލޯބިކުރާ ފަރާތެކެވެ.

ކުނި އަޅައިގެން މަގެއް ހަޑިކޮށްލިޔަސް ނުވަތަ އަމީނީ މަގުގައި ފެންބޮޑުވިޔަސް އެންމެ ފުރަތަމަ މުޒާހަރާ އަށް ނުކުންނަ ފަރާތަކީ މީކާ އެވެ. ފަންކޮ ބުނީ "މީކާ" އަކީ އޭނާގެ ހިތުގައި އުފެދޭ ޝުއޫރުތައް ފާޅުކުރުމަށް ބޭނުންކުރާ އެހެން ދޮރެއް ކަމަށެވެ.

"މި ތަނުގެ މީހުން ދެކެ ލޯބި ނުވިޔަސް މި ތަން ދެކެ ވަރަށް ލޯބިވޭ. ވަރަށް ރީތި ތަނެއް މިއީ. އެކަމަކު މި ފެންނަނީ މޫދަށާއި ޖެހުނު ތަނަކަށް ކުނި އަޅައި ހަޑިކުރަމުންދާތަން،" ފަންކޮ ބުންޏެވެ.

"ދެން ބޭނުންވީ މުޒާހަރާއެއްކުރަން. މީހުން ޝައުގުވެރިވާނެ ފަދަ ގޮތަކަށް މިކަމާ ދެކޮޅަށް އަޑުއުފުލަން. ރީތިކޮށް ސާފުކޮށް ރާއްޖެ ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެވެސް ކަމެއް ކުރަން. އެ ބޭނުމުގައި މީކާ އުފެދުނީ."

ހަލާކުވެފައިވާ ކުޅޭ އެއްޗެހިތަކެއް ރީސައިކަލްކޮށްގެން އުފައްދާފައިވާ "މީކާ" އަކީ ފަންކޮގެ ތަފާތު ފޮޓޯގްރެފީ ކެމްޕޭނުގެ އެންމެ މަޝްހޫރު މޫނެވެ.

މިހާ ހިސާބުން އޭނާގެ އަސްލު މަސައްކަތްތަކަށް ޖެހިލަމާ ހިނގާށެވެ. ފަންކޮ ބުނީ އޭނާގެ މަސައްކަތުގެ ހުރިހާ ކުލައަކާއި ރަހައެއް ވެސް ހެޔޮވަރުކޮށް ދެނީ ދިވެހިންގެ ހަލަބޮލި މި މުޖުތަމައު ކަމަށެވެ.

ފަހަރެއްގައި ދެން ތިބި ލޯކަލް ފޮޓޯގްރާފަރުންނާ އޭނާގެ މަސައްކަތް ތަފާތީ ވެސް މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ. އޭނާ އަކީ ސަންސެޓާއި ފެން ތިއްކާއި ސަން ރައިޒްގެ މަންޒަރުތައް ނަގަން ޝައުގުވެރިވާ ފަރާތެއް ނޫނެވެ. އެއަށް ވުރެ މާ އުހަށް ހިޔާލާއި ފިކުރު ގެންގޮސްފައިވާ ފަންނުވެރިއެކެވެ.

"މުޖުތަމައުގައި އަހަރެން ނުވަތަ ދެން ތިބި މީހުން އުޅެން ޖެހިފައިވާ ގޮތަކީ އަޅުގަނޑަށް މި މަސައްކަތުގައި ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރު،" މަސައްކަތަށް ހިޔާލުތައް އުފައްދާ ގޮތް ކިޔައިދެމުން ފަންކޮ ބުންޏެވެ.

"އަޅުގަނޑަކީ ކޮންމެ ތަނަކަށް ދިޔަޔަސް ވަރަށް ހޯދައި ބަލާ މީހެއް. ރާއްޖޭގެ އިޖުތިމާއީ މައްސަލަތަކަށާއި ތިމާވެށީގެ މައްސަލަތައް ވެސް. ދެން އަޅުގަނޑުގެ ކޮންސެޕްޝުއަލް އާޓް ކުރިއޭޓް މި ކުރަނީ މުޖުތަމައު ތެރެއިން މިގޮތަށް ފެންނަ މަންޒަރުތަކުން. މުޖުތަމަ އަށް ކޮންމެ ވެސް ކަހަލަ މެސެޖުތަކެއް ދޭ ފޮޓޯތަކެއް މި އުފައްދަނީ."

އޭނާ ބުނީ އެންމެން އެއްގޮތަކަށް ފޮޓޯ ނަގާކަށް ނުޖެހޭ ކަމަށެވެ.

"އެކަމަކު ރާއްޖޭގައި އުޅޭ ފޮޓޯގްރާފަރުން ފޮޓޯ ނަގާ ގޮތާއި އެމީހުން ކުރާ މަސައްކަތަކަށް އަޅުގަނޑު އެހާ ސަމާލުކަމެއް ނުދެން. ވާގޮތަކީ އެކަކު މިއަދު ނެގީ ސަންސެޓެއް ކަމުގައިވާ ނަމަ ދެން ތިބި އެންމެން ވެސް ނަގާނީ ސަންސެޓް ފޮޓޯތަކެއް. ދެން ވެއްޓިފައި އޮންނަ ގަހެއްގެ ގޮފިގަނޑެއްގެ މަތީގައި އޮށޯވެލައިގެން އޮންނަ އަންހެން ކުއްޖެއްގެ ފޮޓޯތަކެއް. ނުވަތަ މޫދުގައި ނަގާ ސްޕްލޭޝް ޝޮޓެއް. މި ހުންނަނީ ރާއްޖޭގައި އުޅޭ ގިނަ ފޮޓޯގްރާފަރުންގެ ވިސްނުން ހުންނަ ދިމާލުތައް."

ފަންކޮ ބުނީ އޭނާގެ މަސައްކަތުން ތަފާތެއް ފާހަގަކުރެވެނީ ދިވެހިން އާންމުކޮށް ބޭނުންކުރާ އުކުޅުތަކާއި ހިޔާލުތައް ދޫކޮށް އެހެން މަންޒަރަކަށް މަސައްކަތްކުރާތީ ކަމަށް ވެދާނެ ކަމަށެވެ.

ފަންކޮގެ ކޮންސެޕްޝުއަލް ފޮޓޯގްރެފީގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ "އޭޖު އޮފް ޑެކަޑެންސް" ގެ ނަމުގައި އޭނާގެ ފޭސްބުކް ޕޭޖުގައި ކުރިއަށް ގެންދާ ސިލްސިލާ އެވެ. މިއީ ސީދީ ދިވެހި މުޖުތަމައުގައި ހުރި ގޯސް ކަންކަމަށް އަލި އަޅުވައިގެން އާޓް މެދުވެރިކޮށް ފޯރުކޮށްދޭ ހޭލުންތެރިކުމުގެ ވަރުގަދަ މެސެޖުތަކެކެވެ.

މިއަދު މި ފެންވަރުގައި ފެނުނަސް ފަންކޮ އަކީ ވެސް ވަރަށް އާދައިގެ ގޮތަކަށް މި ދާއިރާ އަށް ނުކުތް ޒުވާނެކެވެ. އޭނާ އަކީ އެންމެ ފުރަތަމަ ފޮޓޯގްރާފަރެއް ވެސް ނޫނެވެ. ގްރެފިކް ޑިޒައިނިންގެ މަސައްކަތުގައި އުޅުނު މީހެކެވެ.

"ދެން ވީ ގޮތަކީ އަޅުގަނޑުގެ މަސައްކަތަށް ބޭނުންވޭ ފޮޓޯތައް. އެންމެ ފުރަތަމަ ފޮޓޯތައް ހޯދީ އިންޓަނެޓުނު. އެއީ ފްރީކޮށް ލިބެން ހުންނަ ފޮޓޯތައް. ނަމަވެސް ފަހުން ހިތަށް އެރީ އަމިއްލަ އަށް ފޮޓޯނަގަން،" ފޮޓޯގްރެފީގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދެމުން ފަންކޮ ބުންޏެވެ.

އޭރު އޭނާ މެލޭޝިއާގައި މާސް ކޮމިއުނިކޭޝަން އާއި މައިނާއެއްގެ ގޮތުގައި ޖާނަލިޒަމް ކިޔަވަނީ އެވެ. ފަންކޮގެ ފޮޓޯތަކުގައި ނޫސްވެރިކަމުގެ ސިފަޖެހިފައިވާ ސަބަބު ވެސް ވަރަށް ސާފެވެ.

"އެންމެ ފުރަތަމަ ގަތީ ވަރަށް އާދައިގެ ކުޑަކުޑަ ކެމެރާއެއް. އެއީ ކެނޮންގެ އޭ70އެއް. އެންމެ 700 ރިންގިޓަށް،" ފުރަތަމަ ކެމެރާގެ ވާހަކަ ކިޔައިދެމުން ފަންކޮ ބުންޏެވެ.

އެއީ 2002 ވަނަ އަހަރެވެ. އޭނާ ފޮޓޯ ނަގަން ފެށީ 3.2 މެގަޕިކްސެލްގެ ކެމެރާއަކުންނެވެ. ނަމަވެސް އޭރު ވެސް އެކުގައި އުޅުނު އެހެން ފޮޓޯގްރާފަރުންގެ ސަމާލުކަން އޭނާ ހޯދި އެވެ.

"އެ ހިސާބުން ފޮޓޯ ނަގަން ފެށީމަ އެކަމުގެ ތެރެއަށް ދަމައިގެން ދިޔައީ. ހިތަށް އެރީ މިއީ އަދި މާ އިންޓްރެސްޓިން ކަމެކޭ،" ފަންކޮ ބުންޏެވެ.

"ދެން ގާތްގަނޑަލަށް ދެ އަހަރު ދުވަސް ތެރޭގައި. މުޅި މީހާ ރިވޮލިއުޝަނައިޒްވީ. މުޅި މީހާގެ ސިސްޓަމް ބަދަލުވީ ފޮޓޯގްރެފީއަށް. އެ ދާއިރާގެ އެއްޗެހިތައް ކިޔައި ދަސްކޮށް މައުލޫމާތު ވެސް ހޯދަން ފެށީ."

ގާތްގަނޑަކަށް 12 އަހަރު ފަހުން މިއަދު އޭނާ އަކީ ރާއްޖޭގެ އެންމެ ހުނަރުވެރި ފޮޓޯގްރާފަރުންގެ ތެރެއިން ގުނާލެވޭ ޒުވާނެކެވެ. ނަމަވެސް ފަންކޮ ބުނީ ދިވެހި މުޖުތަމައު އޮންނަ ގޮތުން އާޓިސްޓެއްގެ ގޮތުގައި ކުރިއަށް ދާން އަދިވެސް ފަސޭހައެއް ނޫން ކަމަށެވެ.

ފޮޓޯގްރާފަރުންނަށް އޮތް އެންމެ ބޮޑު ދިވެހި މާކެޓަކީ ރިސޯޓްތަކެވެ. ނަމަވެސް ރިސޯޓްތަކުން ލިބެން ހުރި ފުރުސަތުގެ ބަދަލުގައި ފަންކޮގެ އަތުގައި ވެސް އޮތީ އެމީހުންކޮށްލި ފުރައްސާރައެއްގެ ވާހަކަ އެވެ.

"ވީގޮތަކީ އަޅުގަނޑު ދިޔައީ މި ރިސޯޓަށް. ދެން ރިސެޕްޝަނުގައި ތިބީ ދިވެހި ކުދިންތަކެއް. އެމީހުންނަށް އަޅުގަނޑު ފެނުނީމަ ކުދިގޮވަން ފެށީ. އެހެރީ އަނެއްކާވެސް ދިވެހި ފޮޓޯގްރާފަރެކޭ ގެނެސްފައި. މީތި ކަޑައެއް ނޫން ހެއްޔޭ. އެމީހުންނަށް ކޯއްޗެއްހޭ އެނގޭނީ. ދިވެހި ފޮޓޯގްރާފަރުން އެއްވެސް ވަރަކަށް ޕްރޮފެޝަނަލްއެއް ވެސް ނޫނޭ. މިހެން ކިޔާފައި،" ފަންކޮ ބުންޏެވެ.

"އެކަހަލަ އެއްޗެހި ކިޔަން ފެށީ. ދެން އަޅުގަނޑު ހަމަ މި އިނީ މަޑުކޮށްލައިގެން. ދެން އެ މީހުން މާ ބޮޑު ސަމާލުކަމެއް ވެސް ނުދިން. ފެންބޮވައިގެން ފެން ފުޅިއަކަށް ރިކުއެސްޓްކުރީމަ ވެސް ޚަބަރެއް ނުވި"

"ދެން އެންމެފަހުން މި މީހުންތައް އައިސްފި ގާތަށް. މެނޭޖާ ލެވެލްގެ މީހެއް. ދެން ބުނެފި ޕޯޓްފޯލިއޯ ދައްކާށޭ. މޮޅެތި މީހުންނޭ ރިސޯޓުން ހަޔާކުރާނީ ވެސް. ބުނިއިރު އަޅުގަނޑު އެތަނަށް ގޮސް އެ ހުރީ ހަޔާކޮށްގެން. ދެން އަޅުގަނޑު ބުނެފިން އޯކޭއޭ. ކިޔާފައި ޕޯޓްފޯލިއޯ ވެސް ދައްކާލީ."

އެ މީހުން މައިތިރިވީ އެހިސާބުންނެވެ. އޭނާގެ އާދާޔާހިލާފު މަސައްކަތް ފެނި އެ މީހުން އާޝޯހުވީ އެވެ.