ރިޕޯޓް

އިންޑިއާ އިން ރައީސް ނަޝީދު ދޫކޮށްލީތަ؟

އެއީ ފެބްރުއަރީ 7، 2012 އެވެ. އެ ދުވަހުގެ ހެނދުނުގެ އިރު ދޮންވެ ރަށުތެރެ ހޫނުކުރަން ފެށި އިރު ޖުމްހޫރީ މައިދާނުގައި ސަލާމަތީ ބާރުތަކުގެ ކުރިމަތިލުން އަދި މާ ހޫނެވެ. ވެރިރަށް މާލޭގެ އެކި ހިސާބުތަކުގައި އެކި ފިކުރުގެ މީހުންނާއި ސަލާމަތީ ބާރުތަކުގެ މީހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގަނީ އެވެ. އަޅުގަނޑު މަޑުކޮށްލައިގެން ހުރީ ވެރިކަމުގައި އޮތް އެމްޑީޕީން އޭރު ސިޔާސީ ފިކުރުތައް ކައްކަމުން ދިޔަ މައި މަރުކަޒުގެ ދޮރުމަތީގަ އެވެ. އަމީނީ މަގުގައި ހުރި އެމްޑީޕީ ހަރުގޭގަ އެެވެ.

ގައުމުގެ ކޮންޓްރޯލް އޮތީ ކާކު ނުވަތަ ކޮން ބައެއްގެ އަތުގައިތޯ ސުވާލު އުފެދި، ރައީސް މުހައްމަދު ނަޝީދުގެ ހާލެއް ވެސް ނޭނގޭއިރު ވެރިކަން ދެން ހިފެހެއްޓިދާނެތޯ، ހަރުގެ ތެރޭ ހުރި މީހަކު އެހެން މީހަކާ ސުވާލުކުރަމުން ދިޔަ އެވެ. އެ ދެ މީހުން ދެއްކި ވާހަކަ ހުއްޓުވީ އެތަނަށް އައި އެހެން މީހެކެވެ. ހިތްވަރު ދެރަ ނުކުރުމަށް ނަސޭހަތް ދެމުން ބުނީ "އިންޑިއާ ސިފައިން އެބަ އާދޭ" ކަމަށެވެ. ސިފައިންގެ މައްޗަށް ބާރު ނުފޯރުވި، ބަނޑޭރިގޭ ތެރޭގައި ހުންނެވި ކޮމާންޑަ އިން ޗީފް ނަޝީދަށްޓަކައި އިންޑިއާ އިން ހުރިހާ ކަމެއް ވެސް ކޮށްދޭނެ ކަމަށް އެ މީހަކު ބުނަމުން ދިޔައީ ޔަގީންކަމުގެ ރާގާ އެކުގަ އެވެ.

ހަގީގަތުގައި ވެސް އޭރު މިގޮތަށް ގަބޫލުކުރި އެތައް ބަޔަކު އުޅޭނެ އެވެ. ނަޝީދާ މެދު އިންޑިއާ އިން ބޭއްވީ އާދަޔާ ހިލާފް ގުޅުމެކެވެ. އިންޑިއާ އޭރު އޮންނަނީ ނަޝީދު ނުވަތަ އެ މަނިކުފާނުގެ ސަރުކާރުން ކަމަކު ނުކިޔައިގެންނެވެ. ބަސް ބުނާ ހިނދުން ކަންކަން ނިންމާލަ އެވެ. މި ގާތް ގުޅުން ތަރުޖަމާ ވެގެން ދަނީ ނަޝީދުގެ ހިމާޔަތަށް އިންޑިއާ ކޮންމެ ކަމަކަށް ވެސް ތައްޔާރަށް އޮތުމެވެ.

މި ބުނި ދުވަހު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު އިންޑިއާ އިން ރާއްޖެ ފިއްތާލީ ނޭވާ ހާސްވާ ވަރަށެވެ. ވިޔަފާރި އާއި ވިސާގެ ކަންކަމުގައި އެންމެ ހަރުކަށިކަން އިސްކުރި އެވެ. މި ހޫނުގަނޑަށް އަހަރު ދުވަސް ފަހުން ދެން ފެނުނީ ނަޝީދު ހައްޔަރުކުރަން އުޅުމުން، މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް ވަދެވަޑައިގެން ހިމާޔަތް ހޯއްދެވި ތަނެވެ. އެތަނުގައި ނަޝީދަށް 11 ދުވަސް ވަންދެން ހިމާޔަތް ދީގެން އިންޑިއާ އިން ތިބީ ކޯޓު އަމުރުތަކާއި ފުލުހުންނާއި ސަރުކާރުގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އެވެ.

ނަޝީދު އިންޑިއާ ހައި ކޮމިޝަނުގެ ހިމާޔަތުގައި އިންނެވުމަށް ފަހު ފެބްރުއަރީ 23، 2013 ނިކުމެވަޑައިގެންތާ ދެ އަހަރު ވީ ދުވަހަކީ ނަޝީދު އަނެއްކާވެސް ހައްޔަރުކުރި ދުވަހެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހެވެ. ނަޝީދާއި އިންޑިއާއާ އޮތް ގާތްގުޅުމުގެ ވާހަކަ ދައްކާއިރު އިއްތިފާގުން ނަމަވެސް ދިމާވެފައި މި ވަނީ ނަޝީދާއި އިންޑިއާގެ ގުޅުން ހަނދާނަށް ގެނުވާ ތާރީހަކާ އެވެ.

ސިޔާސީ މަސްރަހު އަނެއްކާވެސް އެފުށް މިފުށަށް ޖެހި، އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެންފަހުން ސިޔާސީ ރޯޅިތައް މަޑުވެ ބާނިތައް އޮބިފައި ވަނިކޮށް ޓެރަރިޒަމްގެ ދައުވާކޮށް ނަޝީދު ހައްޔަރުކުރުމާ އެކު މި ވަނީ ކޮޅިގަނޑެއް އުފެދި ރާއްޖެ އަށް ސިޔާސީ އުދަ އަރަން ފަށައިފަ އެވެ. އެކަމަކު ބިޔަ ރާޅުތައް އަންނަނީ މާދުރުންނެވެ. އެތެރެވަރިން، މީގެ ކުރިން ސިޔާސީ ރާޅު އެންމެ ބޮޑުކޮށް ނެގި އިންޑިއާ ކަނޑު މިފަހަރު ނިސްބަތުން މަޑެވެ. ނަޝީދު ހައްޔަރު ކުރުމާއި އެ މަނިކުފާނު ކޯޓަށް ހާޒިރުކުރި އިރު ކަން ހިނގި ގޮތާ މެދު ކަންބޮޑުވާ ކަމަށް ބުނެ އިންޑިއާގެ އޮފިޝަލުން އެއް ފަހަރު ވާހަކަ ދެއްކި ފަހުން ދެން ވީގޮތެއް ނޭނގެ އެވެ.

އދ. އާއި އީޔޫ އާއި ޔޫރަޕުގެ އެކި ގައުމުތަކުން ނަޝީދުގެ ޝަރީއަތާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެ ބިރު ދައްކަމުން ދާއިރު އިންޑިއާ ކޮބައިތޯ ސުވާލުކުރެވޭހާވެ އެވެ.

މިދިޔަ ބުދަ ދުވަހު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ޕީރިއޮޑިކް ރިވިއުގައި އިންޑިއާ އިން ރާއްޖެއާ މެދު ވާހަކަ ދައްކަމުން އިންޑިއާ އިން ނަޝީދުގެ ނަން ވެސް ނުގަނެ އެވެ. ނަޝީދަށް އަބަދުވެސް ތާއީދުކުރާ އެހެން ބައެއް ގައުމުތަކުން ނަޝީދުގެ ހައްޔަރާ މެދު ކަންބޮޑުވުން ފާޅުކޮށް، ނަޝީދު ދޫކޮށްލަން ގޮވާލި އިރު އިންޑިއާ އިން ވާހަކަ ދެއްކީ ވަރަށް ޖުމުލަ ގޮތަކަށެވެ. ސިޔާސީ އެކި ފިކުރުގެ މީހުންނަށް ވެސް ޖާގަ އޮންނަން ޖެހޭނެ ކަމަށާއި ޖުޑީޝަރީ އަށް ސިޔާސީ ނުފޫޒު ފޯރާ ކަމަށް ބުނާތީ ކަންބޮޑުވާ ކަމަށް ބުންޏެވެ. މިއީ ރާއްޖެ އަށް ދިން "ވަރުގަދަ އިންޒާރެއް" ކަމަށް އެއް ބަޔަކު ސިފަކުރި ނަމަވެސް ކުރިން ވާހަކަ ދައްކާ ރާގު މުޅިން ބަދަލުވެފައިވާ ކަމަށް މިކަމުން ވަރަށް ސާފުކޮށް އެނގެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހަލަބޮލި ވެގެން ދިޔައިރު އިންޑިއާގައި އޮތް ސަރުކާރު މީގެ އެއް އަހަރު ކުރިން ވަނީ ބަދަލުވެފަ އެވެ. ނަރެންދުރަ މޮދީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ އެކު އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ފާހަގަކުރެވޭހާ ބަދަލުތައް އަތުވެއްޖެ އެވެ. މޮދީ ވިދާޅުވެފައި ވަނީ އިންޑިއާ އިން ސަރަހައްދުގެ ކުދި ގައުމުތަކާ މެދު ގެންގުޅެފައިވާ ސިޔާސަތުގެ ސަބަބުން އެ ގައުމުތައް އިންޑިއާއާ ފެޔަށް ޖެހިފައިވާ ކަމަށެވެ. އޭނާ އެ އިޝާރާތްކުރައްވަނީ ކުދި، އެކަމަކު އިންޑިއާގެ މަސްލަހަތަށް މުހިންމު ގައުމުތަކުގެ ދާހިލީ ކަންކަމަށް މާބޮޑަށް ބެހި، ހަރުކަށިކަން ދެއްކުމުން އެ ގައުމުތައް އިންޑިއާގެ މަދަދަށް ބަރޯސާ ވުމުގެ ބަދަލުގައި ޗައިނާގެ "ޖީބަށް" ވެއްޓޭ ވާހަކަ އެވެ. މިއީ އިންޑިއާ އަށް ބިރެކެވެ. އެހެންވެ އެކަން ބަދަލު ކުރުމަށް މޮދީ ވަނީ އާ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. މިފަހަރު އިންޑިއާ އިން ރާއްޖެ އަށް އެކި ގޮތްގޮތުން ދޭ އެހީ ކުރީ އަހަރަށް ވުރެ ހަ ގުނަ އިތުރު ކުރުމަށް ބަޖެޓްކޮށްފައި އޮތުމަކީ ވެސް ސިޔާސަތަށް ގެނެސްފައިވާ ބަދަލެއްގެ ނިޝާނެވެ.

ބައެއް މީހުން ބުނަނީ ޗައިނާގެ ސިޔާސަތު އިންޑިއާ އިން ކޮޕީކުރީ ކަމަށެވެ. ކޮންމެ ވެރިޔަކު ހުރި ނަމަވެސް ޗައިނާ އިން އެ ގައުމަކާ އެކު ގާތް ގުޅުމެއް ބާއްވައި، އެ ގައުމު ރުއްސައިގެން އޮވެ މަޑުމަޑުން ބާރު ގަދަކުރަމުން ދަނީ އެވެ. މާގިނަ ވާހަކައެއް ނުދައްކާނެ އެވެ. ވެރިކަން ބަދަލުވާއިރަށް އެ ވެރިއެއްގެ ސިޔާސަތާ އެކު ހަމަ ދަނީ ކުރިއަށެވެ. އިހަށް ދުވަހު އަވަށްޓެރި ސްރީ ލަންކާގެ ވެރިކަން ފުރޮޅިގެން ދިޔައީ ޗައިނާގެ އިންވެސްޓްމަންޓްތަކަކީ ބޮޑު ނުރައްކަލެއް ކަމަށާއި އެ މީހުން ބޭރުކޮށްލާނެ ކަމަށް ބުނަމުން ދިޔަ ބައެއްގެ އަތްމައްޗަށެވެ. އެކަމަކު ލަންކާ ސަރުކާރުގެ ރާގު މިހާރު ވަނީ ބަދަލުވާން ފަށައިފަ އެވެ.

ނަޝީދުގެ ހިމާޔަތުގައި އަޑު އުފުލަން އިންޑިއާ ބިރެއް ނުގަންނާނެކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު ރައީސް ޔާމީނުގެ ސިޔާސަތު ހުރި ގޮތުން، ނަޝީދުގެ މައްސަލައިގެ ތެރެއަށް އިންޑިއާ ފުންމާލައިގެން މޮޅެއް ލިބުމަށް ވުރެ ގެއްލުމެއް ލިބުމުގެ ބިރު ބޮޑެވެ. ޔާމީން ސަރުކާރުުގެ އެންމެ ބިޔަ ޕްރޮޖެކްޓުތައް އަންނާނީ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ތެރެއިން ކަމަށް ބެލެވޭއިރު މުހިންމު ޒޯންތަކަށް ޗައިނާގެ ކުންފުނިތައް އެ ތިބީ ބަލަހައްޓައިގެންނެވެ. މީގެ ތެރެއިން، އިންޑިއާގެ އައްސޭރިފަށުން ބޮޑުތިލަދުންމަތީގައި ހިންގާ ހައިހެވަން ޕްރޮޖެކްޓްގައި ހިމެނޭ ޑޮކް ޔާޑަކީ އިންޑިއާ ޖެހިދާނެ ދަންތުރައެކެވެ. އިންޑިއާގެ ޖާސޫސީ އޮފިޝަލުންނާ ހަވާލާދީ ކަމަށް ބުނެ އެ ގައުމުގެ ނޫސްތަކުން ކުރިން ސުރެ ވެސް ބުނަމުން ދަނީ ރާއްޖޭގެ އުތުރުގައި ބިޔަ ބަނދަރެއް ހަދައި، އެތަން ޗައިނާގެ އަސްކަރީ މަނަވަރުތައް ބޭނުން ކުރުމަށް ލިބިއްޖެ ނަމަ އިންޑިއާގެ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ. އިންޑިއާގެ ނޫސްތަކުން މީގެ ދުވަސްކޮޅެއް ކުރިން ބުނެފައިވާ ގޮތުގައި ދިވެހި ސަރުކާރުން މިހާރު ވަނީ އިންޑިއާ އިން އެ ކަންބޮޑުވާ ބަނދަރު ޕްރޮޖެކްޓް އިންޑިއާގެ ކުންފުންޏަކަށް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އިތުބާރުހުރި އެހެން ފަރާތްތަކުން މައުލޫމާތު ލިބެނީ، އިކޮނޮމިކް ޒޯންތަކުގައި ޗައިނާގެ ކުންފުނިތަކަށް ދޭ ވަރުގެ ހިއްސާއެއް އިންޑިއާ ކުންފުނިތަކަށް ވެސް ދޭން ރާއްޖެ އެއްބަސް ކަމަށެވެ. މިއީ އިންޑިއާ އަށް ހިތްހަމަޖެހުމެކެވެ.

ހާލަތު މިގޮތަށް ބަދަލުވެފައިވާ ނަމަ، އިންޑިއާ އަށް މުހިންމުވާނީ ނަޝީދު ސަލާމަތްކުރަން އުޅުންތޯ ނުވަތަ ޗައިނާގެ ގަދަވަމުންދާ ނުފޫޒު ކުޑަކުރުމަށް ލިބިފައިވާ ފުރުސަތު ބޭނުން ހިފުންތޯ ސުވާލު އުފައްދައިފި ނަމަ ޖަވާބު އެ އޮތީ ހާމަ އަށް ފެންނާށެވެ. ނަޝީދަށް އަލުން ވެރިކަމަށް އާދެވޭނެ ކަމުގެ ކަށަވަރުކަމެއް އަދި ސިޔާސީ މަސްރަހު ބަދަލުވަމުން މިދާ ގޮތުގެ ހަގީގަތެއް ކަށަވަރު ނުވެ އިންޑިއާ އިން ނަޝީދުގެ ފަހަތުން ގޮސް ކޮޅު ބެދޭ މަގަކަށް ވަންނާނެ ހެއްޔެވެ؟ އިންޑިއާގެ މަސްލަހަތަށް ފައިދާ ބޮޑުވެފައި ކަށަވަރުކަން ބޮޑީ ފެންނަން އޮތް ސާފު މަގުން ދިއުމެވެ.