ގާނޫނާ ހިލާފަށް ސަރުކާރު ވައްޓަައިލަން އުޅުނުކަމަށް ބުނެ، ދިވެހި ސަރުކާރުުން ހައްޔަރުކޮށްގެން ގެންގުޅޭ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މުދާވެރިކަން ހުރިވަރެއް ބަލަން ސަރުކާރުން އެހެން ގައުމުތަކުގެ އެހީއަށް އެދިއްޖެއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާން ރޮއިޓާސްއަށް ވިދާޅުވީ އެ ދެ ފަނޑިޔާރުންގެ ތަހުގީގު ރާއްޖެއާ ހިސާބުން ނުނިމޭ ކަމަށާއި އެކަމުގައި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
"އެހެންވީމާ ތަހުގީގު އޮތީ ހަމަ އެކަނި ރާއްޖެެއާ ހިސާބަކު ނޫން. އެގޮތުން ތަހުގީގުގައި އަޅުގަނޑުމެންނަށް ބޭނުންވޭ އެހެން ގައުމުތަކުގެ އެހީ. އެހެން ގައުމުތަކުން ގެދޮރު ގަނެފައިވާކަން [ނުވަތަ ނޫންކަން] ހާމަކުރަން ޖެހޭ" ޝިއާން ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.
ރޮއިޓާސްއަށް ދިން އިންޓަވިއުގައި ޝިއާން ވަނީ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް ސަރުކާރުން ކުރާ ތުހުމަތުތައް ތަކުރާރުކުރައްވާފައެވެެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، އެ އަމުރާ ބެހޭ ގޮތުން ސަރުކާރުން ދައްކަމުން އަންނަ ވާހަކަތައް ވެސް އޭނާ ތަކުރާރު ކުރެެއްވިއެވެ.
އެކެއް ފެބްރުއަރީ އަމުރު ތަންފީޒު ނުކުރަންވެގެން ސަރުކާރުން ކުއްލި ހާލަތު އިއުލާނުކޮށްގެން ހައްޔަރުކޮށްފައިވާ ބޭފުޅުން މިނިވަން ކުރަން އެމެރިކާ، ޔޫކޭ ، އިންޑިއާ އަދި އދ. އިން ވަނީ ގޮވާލާފައެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ސިފަކޮށްފައި ވަނީ" ޝަރުއީ ނިޒާމު ހިސާރު ކުރުން" ކަމަށެވެ.