ހަބަރު

ސިނާން، އިލްހާމް ހައްޔަރުގައި ހުރީ ފުލުހުންގެ އުސޫލުތަކާ ހިލާފަށް: ރިޔާޒް

މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހައްޔަރުކޮށްގެން އެ ދެ މެންބަރުންނާ މެދު އަމަލު ކުރަމުން ދަނީ ފުލުހުންގެ އުސޫލުތަކާ ހިލާފަށް ކަމަށް ކުރީގެ ސީޕީ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނާން ހައްޔަރު ކުރި ފަހުން މިހާތަނަށް އެއްވެސް ސުވާލެއް ނުކޮށް ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެން އުޅެނީ ފުލުހުންގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ އެދުމުގެ މަތިން އުސޫލުން ބޭރުން ކަން ކުރާ ފަރާތްތަކުން ޖަވާބުދާރީ ވާން ޖެހޭނެކަން ކަށަވަރު ކަމަށާއި ސިނާން މިނިވަން ކުރުމަށް ގޮވާލާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ސިނާންގެ އިތުރުން އިލްހާމް ހައްޔަރު ކުރި ފަހުން ވެސް ސުވާލު ނުކުރާ ކަމަށް ޔާޒް ވިދާޅުވި އެވެ. އަދި ކުރާނެ ސުވާލެއް ނެތްތޯ ސުވާލު އުފައްދަމުން އޭނާ ވިދާޅުވީ ފުލުހުންނަކީ ރައީސް ޔާމީން ހިތްޕުޅާވާ ގޮތަށް ކަން ކުރަން ޖެހޭ ބައެއް ނޫން ކަމަށާއި ފުލުހުން ކަންކަން ކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ސިނާން އާއި އިލްހާމް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް އުޅުމަށް ފަހު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުގެ ތެރެއިންނެވެ.. ނަމަވެސް އެެއަށް ފަހު ކްރިމިނަލް ކޯޓުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް އެ ދެ މެންބަރުން ހޯދަން ފުލުހުން އިއުލާން ކުރުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ސިނާން އަމިއްލަ ފުޅަށް ވަނީ ފުލުހަށް ހާޒިރުވެފަ އެވެ. ނަަމަވެސް އިލްހާމް ހާޒިރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.