ހަބަރު

ފެންނަ މަންޒަރުތައް ކިޔައިދޭ ނޫސްވެރިންނަށް އަނިޔާކުރާކަށް ނުޖެހޭ: ރާއްޖެޓީވީ

ފެންނަ މަންޒަރުތައް ހަގީގަތާ އެއްގޮތަށް ކިޔައިދޭ ނޫސްވެރިންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަން ނުޖެހޭ ކަމަށް ބުނެ، ރޭގެ ފުލުހުންގެ އަމަލުތައް ރާއްޖެޓީވީއިން ކުށްވެރިކޮށްފި އެވެ.

ރާއްޖެޓީވީއިން ރޭގެ ފުލުހުންގެ އަމަލުތައް ކުށްވެރިކުރީ އެ ސްޓޭޝަންގެ ނޫސްވެރިއެއް ކަމަށްވާ ހުސެއިން ހަސަން ހައްޔަރުކުރުމުގެ ތެރޭގައި ބޮޑެތި އަނިޔާތަކެއްވެފައިވަނިކޮށެވެ. ހުސެއިންގެ ހާލަތު ބަޔާންކޮށް ރާއްޖެޓީވީއިން ނެރުނު ބަޔާނެއްގައި ބުނީ، ރިޔަޓް ގިޔަރުގައި ތިބި ފުލުހުންގެ ފަރާތުން ގިނަ އަނިޔާތަކެއް ލިބިގެން ހުސެއިން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީ ހޭނެތިފަ ކަމަށެވެ. އަދި، ހެދި ސްކޭންތަކުން ހުސެއިންގެ އެތެރެ ހައްޓަށް އަނިޔާވެފައިވާކަން އެނގޭ ކަމަށެވެ.

ހުސެއިން ހައްޔަރުކުރީ އޭނާގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމަށްފަހު ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އޭނާ ފުލުހުންގެ ވެހިކަލަށް އަރުވަން ގެންދިޔައިރު ނޭވާ ހާސްވާ ކަމަށް ބުނުމުން ވެސް، އަވަސް ފަރުވާ ދިނުމުގެ ބަދަލުގައި، "މަރުވެއްޖާ ކަށު ނަމާދު ކުރާނެ މީހުން ތިބޭނެ" ކަމަށް ފުލުހުން ބުނި ކަމަށެވެ. ވެހިކަލަށް އެރުވި ވަގުތު ވެސް ހުސެއިންނަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ބުންޏެވެ.

"މިއީ ރައްޔިތުންގެ ސަލާމަތާ ހިމާޔަތަށް މަސައްކަތްކުރުމުގެ ވާޖިބު މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާއެއްގެ އޮފިސަރުންގެ ފަރާތުން އިވުމަށް ދިވެހި އެއްވެސް ރައްޔިތަކު އެދޭނެ ފަދަ ވާހަކަތަކެއް ނޫން، އަދި އެފަދަ ދަށު ދަރަޖައިގެ ބަސް މަގާއި އަމަލުތަކުން މުޅި މުއައްސަސާގެ ގަދަރާއި އިހްތިރާމް ވެއްޓިގެން ދިޔުމަކީ ވެސް ނުހަނު ހިތާމަ ހުރި ކަމެއް،" ބަޔާނުގައި ރާއްޖެޓީވީއިން ބުންޏެވެ.

ރާއްޖެޓީވީއިން ވަނީ އެ ސްޓޭޝަންގެ އެހެން ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވިކަން ހާމަކޮށް އެކަން ކުށްވެރިކޮށްފަ އެވެ. އަދި ރޭ އަނިޔާވި އެހެން މީޑިއާތަކުގެ ނޫސްވެރިންނަށް ދިން އަނިޔާތައް ވެސް ރާއްޖެޓީވީއިން ކުށްވެރިކުރި އެވެ. ނޫސްވެރިންތަކަށް އަނިޔާވެފައިވަނިކޮށް ފުލުހުން އަވަސްވެ ގަނެ، އިންޒާރު ބަޔާނެއް ނެރެފައިވާތީ އެކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވެ އެވެ.

"ނޫސްވެރިންނަށް ފެންނަ މަންޒަރެއް ފެންނަ ގޮތަކަށް ގެނެސްދިނުމަށް މަސައްކަތް ކުރުމަކީ އެއްވެސް ހާލެއްގައި ލާއިންސާނީ އަނިޔާ ދޭން ޖެހޭ ކަމެއް ނޫން،" ބަޔާނުގައި ބުންޏެވެ.

ރާއްޖެޓީވީއިން ވަނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެއްވެސް ބަޔަކު ހުރަސް ނާޅައި، ނޫސްވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ގޮވާލާފަ އެވެ.